ޚަބަރު

މިއަހަރު މިހާތަނަށް އެންމެ ގިނައީ ޕްރޮކިއުމަންޓާއި ގުޅޭ މައްސަލަތައް - އޭސީސީ


މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު އެންމެ ގިނައިން ހުށައަޅާފައިވަނީ ޕްރޮކިޔުމެންޓާ ގުޅޭ މައްސަލަތައްކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

އެސީސީގެ މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފުރަތަމަ ކުއާޓަރގައި އެ ކޮމިޝަނަށް 287 މައްސަލައެއް ހުށައަޅާފައިވެއެވެ. އޭގެތެރެއިން 268 މައްސަލައަކީ އެކި ފަރާތްތަކުން ހުށައެޅި މައްސަލަތަކެވެ. ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން 19 މައްސަލައެއް ދަނީ ބަލަމުންނެވެ. މީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 2.5 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހު ޕްރޮކިއުމަންޓާ ގުޅޭ 111 މައްސަލައެއް އެސީސީއަށް ވަނީ ހުށައަޅާފައެވެ. އެސީސީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު އެ ކޮމިޝަނަށް ހުށައެޅި މައްސަލަތަަކުގެ ތެރޭގައި ވަޒީފާއާ ގުޅޭ ގިނަ މައްސަލަތަކެއް ހިމެނެއެވެ. އޭގެތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަޒީފާދިނުމާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަޒީފާއިން ވަކިކުރުމާއި، އުސޫލުތަކުގެ ބޭރުން ޕްރޮމޯޝަން ދިނުންފަދަ މައްސަލަތައް ހިމެނެއެވެ.


ވަޒީފާއާ ގުޅޭ 48 މައްސަލައެއް މިއަހަރުގެ ފުރަތަމަ 03 މަސްދުވަހުގެ ތެރޭގައި ހުށައަޅާފައިވާއިރު މިދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ޒީފާއާގުޅޭ 40 މައްސަލައެއް ހުށައަޅާފައިވެއެވެ. މީގެ އިތުރުން، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާގުޅޭ 13 މައްސަލައަކާއި، ގޯތިގެދޮރާއި، ކުއްޔަށް ދޫކުރެވޭ ބިމާއި، ދައުލަތުގެ ފައިސާއާއި ތަކެތި ބޭނުންކުރުމާއި ގުޅޭ ޖުމްލަ 46 މައްސަލަ އެއްވެސް ވަނީ އޭސީސީއަށް ހުށައަޅާފައެވެ.

ކޮމިޝަނަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ދިރާސާ ކުރުމަށްފަހު، ތަޙްޤީޤުކުރުމަށް ނިންމީ 253 މައްސަލަކަމަށް އެސީސީން ބުނެއެވެ. ކޮމިޝަނަށް ހުށަހެޅި ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ އިޚުތިޞާސްގެ ތެރޭގައި ނުހިމެނޭ 02 މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާފއިވާކަމަށްވެސް އެސީސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.