މިއަދުން ފެށިގެން ޢިމާރާތްކުރުމަށް ބޭނުންކުރާ 6 ބާވަތެއްގެ ތަކެތި އެތެރެކުރެވޭނީ ޚާއްސަ ހުއްދައެއްގެ ދަށުންކަމަށާއި ހުއްދައާއި ނުލާ އެތަކެތި އެތެރެކުރުމާ އުފެއްދުމަކީ މާނާކަމެއްކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ މިބަދަލުތައް މިއައީ 2 ޤަވާއިދެއް މިއަދުން ފެށިގެން ތަންފީޒުކުރަން ފެށުމާއި ގުޅިގެންކަމަށެވެ. އެ ޤަވާއިދުތަކަކީ، ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލްކުރުމުގެ ޤަވާއިދާއި އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެއްޗާއި ތަކެތި ޓެސްޓްކުރާ ފަރާތްތަކުގެ ޤަވާއިދެވެ.
ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގަވާއިދުގެ ދަށުން ހުކުރު ދުވަހުން ފެށިގެން 6 ބާވަތެއް ތަކެތި އެތެރެކުރުމަށް ބޭނުންވާ ހުއްދަތަކާއި ނުލައި އެތެރެކުރަން މަސައްކަތްކުރާނަމަ އެކަން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހުއްޓުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.
މިގަވާއިދުގެ ދަށުން ހުއްދަ ނުހޯދާ އެތެރެކުރުމާއި އުފެއްދުން މަނާ 6 ބާވަތަކީ ޢިމާރާތްކުރުމަށް ބޭނުންވާ ސިމެންތިއާއި ކޮންކްރީޓަށް ބޭނުންކުރާ ހުރިހާ ގްރޭޑެއްގެ ހިލައާއި ކޮންކްރީޓަށް ބޭނުންވާ ހުރިހާ ވައްތަރެއްގެ ވެއްޔާއި ޢިމާރާތްކުރުމަށް އެތެރެކުރާ ސްޓްރަކްޗަރަލް ދަގަނޑާއި ރެޑީ މިކްސްޑް ހުރިހާ ގްރޭޑެއްގެ ކޮންކްރީޓާއި ރެޑީ މޭޑް ހުރިހާ ވައްތަރެއްގެ ގަލެވެ.
ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ މިގަވާއިދާ ގުޅޭގޮތުން ކޮންސްޓްރަކްޝަން ކުންފުނިތަކަށް މައުލޫމާތު ދީފައިވާނެކަމަށާއި ގަވާއިދުގެ ދަށުން މިބާވަތްތައް އެތެރެކުރުމަށާއި އުފެއްދުމަށް ބޭނުންވާ ކުންފުނިތަކުން ތަކެތި އެތެރެކުރުމަށް ހުއްދައަށް އެދުމުގެ ކުރިން މިނިސްޓްރީގައި ރަޖިސްޓަރ ވާންޖެހޭނެކަމަށެވެ. އަދި މިގަވާއިދާ ޚިލާފަށް ތަކެތި އެތެރެކުރާ ފުރަތަމަ ފަހަރު ނަމަ ފިޔަވަޅެއްގެ ގޮތުން ފަންސާސް ހާސް ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށް މިގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި އެފަދަކަމެއް ތަކުރާރުވެއްޖެނަމަ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރާނޭކަމަށްވެސް ގަވާއިދުގައި ވަނީ ބުނެފައެވެ.
ޢިމާރާތްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ތަކެއްޗާއި ތަކެތި ޓެސްޓްކުރާ ފަރާތްތަކުގެ ގަވާއިދުގެ ދަށުން ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓްކުރާ ފަރާތްތަކުން އެކަމުގެ ހުއްދަ ނުހޯދާ ޚިދުމަތް ދިނުމަކީ މަނާކަމެކެވެ. ޢިމާރާތްކުރުމަށް ބޭނުންވާ ތަކެތި ޓެސްޓްކުރާ ފަރާތްތަކާއި ޓެސްޓު ކުރުމަށް ބޭނުންކުރާ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުވަނީ މި ގަވާއިދުގައި ބަޔާންކޮށްފައެވެ. އަދި މިޤަވާއިދާ ޚިލާފުވެއްޖެނަމަ ފަންސާސް ހާސް ރުފިޔާއިން ޖޫރިމަނާކޮށް ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓުކުރުމަށް ދޫކޮށްފައިވާ ހުއްދަ 6 މަސްދުވަހަށް ހިފަހައްޓާނެއެވެ.
މި ދެ ޤަވާއިދުގެ އިތުރުން ޕްލޭނިންގ މިނިސްޓްރީން އެކުލަވާލާފައިވާ ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓުކުރުމުގެ ގަވާއިދު ތަންފީޒުކުރަން އަންނަ ޖުލައިމަހުގެ 28 ވަނަ ދުވަހު ފަށާއިރު މިގަވާއިދުގެ މަގްސަދަކީ ޢިމާރާތްކުރުމުގެ ސިނާޢަތުގައި ރާއްޖޭގައި ބޭނުންކުރާ ތަކެއްޗަކީ އެކަށީގެންވާ ރަނގަޅު ފެންވަރުގެ ތަކެތިކަން ކަށަވަރުކުރުންކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. މިގަވާއިދުގެ ދަށުން ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ފަރާތްތަކުން ޓެސްޓިންގ ލެބޯޓަރީ ޤާއިމުކޮށް ޢަމަލުކުރަންޖެހޭ ގޮތްތަކާއި އުސޫލުތައް ކަނޑައަޅަންޖެހޭނެއެވެ.