ސިޔާސީ

ޖޭއެސްސީގެ މެމްބަރަކަށް ވެވޭ އުމުރު މަތިކުރަނީ


ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރަކަށް ވެވޭ އުމުރުމަތިކޮށް، އެ ކޮމިޝަންގެ މެންބަރުންނަށް ކޯޓްތަކުގައި ވަކާލަތު ނުކުރެވޭގޮތަށް ޖޭއެސްސީގެ ޤާނޫނަށް އިޞްލާޙެއް ހުށައަޅައިފިއެވެ. މި އިޞްލާޙު ހުށައަޅުއްވާފައިވަނީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖުއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނަށް ހުށައެޅި އިޞްލާހުގެ ބިލްގެ ފުރަތަމަ ކިއުން މިއަދުގެ ޖަލްސާއަށް ވަނީ އިއްވާފައެވެ. ނަމަވެސް އަދި ބަހުސްކުރަން ތާވަލުކޮށްފައެއްނުވެއެވެ.

ޖޭއެސްސީގެ ޤާނޫނަށް މޫސާ ސިރާޖު ހުށައެޅުއްވި އިޞްލާޙުގައި އެ ކޮމިޝަންގެ މެންބަރުންގެ ހުރުން ލާޒިމް ކުރާ ސިފަތަކުގެ ތެރޭގައި އުމުރުން 40 އަހަރުވެފައިވާ މީހަކަށް ވާންޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ. މިހާރު އަމަލުކުރަމުންދާ ޤާނޫނު ބުނާގޮތުން ޖޭއެސްސީގެ މެންބަރަކަށް ވެވޭނީ އުމުރުން 25 އަހަރުވެފައިވާ މީހަކަށެވެ.

މި އިޞްލާޙުގައި ވާގޮތުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކީ ޤާނޫނީ ވަކީލެއް ކަމުގައިވާނަމަ އެފަރާތައް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ދެމި ހުރިހާ ހިނދަކު ދިވެހިރާއްޖޭގެ ކޯޓްތަކުގައި ވަކާލަތު ކޮށްގެން ނުވާނެކަމަށެވެ. އަދި ޖޭއެސްސީގެ ރައީސާއި ނާއިބު ރައީސް ވަކިކުރެވޭނެ ގޮތްވެސް މި އިޞްލާޙުގައިވެއެވެ.

މިހާރު ޢަމަލުކުރަމުންދާ ޖޭއެސްސީގެ ޤާނޫނުގައި އެ ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް ވަކިކުރެވޭނެ ގޮތެއް ބަޔާންކޮށްފައެއްނުވެއެވެ. މޫސާ ސިރާޖު ހުށައެޅުއްވި އިޞްލާޙުގައި ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ރައީސް ނުވަތަ ނާއިބު ރައީސް އެ މަޤާމުން ވަކިކުރެވޭނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން 4 މެންބަރަކު ކޮމިޝަންގެ ޖަލްސާއަކަށް ހުށައަޅާ އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

ރައީސް އާއި ނާއިބު ރައީސް އިތުބާރު ނެތްކަމަށް ހުށައަޅައިފިނަމަ އެ ނިންމުމަށް ވޯޓަށް އަހާ ގޮތެއް ނިންމުމަށްފަހު މެނުވީ ކޮމިޝަންގެ އިތުރު މަސައްކަތެއް ތަވާލުކޮށްގެންނުވާނެކަމަށްވެސް ސިރާޖުގެ އިޞްލާޙުގައިވެއެވެ. އަދި އިތުބާރު ނެތްކަމަށް ފާސްވެއްޖެނަމަ އެ މައްސަލަ އެއްވެސް ކޯޓަކަށްވެސް ހުށަނޭޅޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މިހާރު ޖޭއެސްސީގެ ރައީސްއަކީ އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޢަރީފުއެވެ.