ސިޔާސީ

ކޯޓާ ދިނުމުގައި ގިނަ މައްސަލަތައް އެބަހުރި - އޭސީސީ


މިއަހަރު ޙައްޖަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ޙައްޖު ކޯޓާ ދޫކުރުމުގައި ތަޙުގީގު ކުރަންޖެހޭ ކަންކަން ފާހަގަކުރެވިފައިވީނަމަވެސް ޙައްޖުގެ ކަންކަން ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީއަށް ލަފާދީފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ވިދާޅުވެއްޖެއެވެ.

މިއަހަރު ޙައްޖަށް މީހުންގެ ގެންދާނެ ކުންފުނިތައް ހޮވުމުގައި އިސްލާމިކް މިނިސްޓްރީން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކޮށްފައިވާ މައްސަލަތަކެއް އޭސީސީން ވަނީ ތަޙުޤީޤުކުރަން ފަށާފައެވެ. އެގޮތުން ހުށައަޅަންޖެހޭ ލިޔެކިއުންތައް ފުރިހަމަ ނުވާ ޕްރޮޕޯސަލްތައް ބާޠިލްވާނެކަމަށް އުސޫލްގައި ބަޔާންކޮށްފައި ވީނަމަވެސް ލިޔެކިއުންތައް ފުރިހަމަނުވާ ބައެއް ކުންފުނިތައް ޕްރޮޕޯސަލް އިވެލުއޭޝަންގައި ބައިވެރިކުރި މައްސަލައެއް އޭސީސީން އަންނަނީ ބަލަމުންނެވެ. އަދި ޕްރޮޕޯސަލްތަކަށް މާކުސް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އިވެލުއޭޝަން ކޮމިޓީގެ މެންބަރުން ޢަމަލުކޮށްފައިވާ މައްސަލައެއްވެސް އެސީސީން އަންނަނީ ބަލަމުންނެވެ.

އޭސީސީގެ ނާއިބު ރައީސް މުޢައްވިޒް ރަޝީދު ވިދާޅުވީ، އެ ކޮމިޝަންގެ ތަޙުޤީޤަށް ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވާކަމަށާއި، އެކަންކަން އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް މިހާރު ގެނެސްފައިވާކަމަށެވެ. އެހެންނަމަވެސް ޙައްޖުގެ ކަންކަމަކީ ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅުންހުރި ކަމަކަށްވާތީ އެ ތަޙުޤީޤާއި ގުޅިގެން ޙައްޖުގެ ކަންކަން ލަސްވާނަ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުންނާނެކަމަށް ޤަބޫލުކުރެވޭކަމަށް މުޢައްވިޒް ވިދާޅުވިއެވެ. އެހެންކަމުން ޙައްޖުގެ ކަންކަން ނުހުއްޓޭނެހެން ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީއަށް ސިޓީއަކުން މިހަފްތާގެ ތެރޭގައި އަންގާފައިވާކަމަށް މުޢައްވިޒް ވިދާޅުވިއެވެ. މުޢައްވިޒް ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ކުންފުނިތަކަށް ޙައްޖު ކޯޓާ ދޫކުރުމުގައި ގިނަ މައްސަލަތައް ހުރިކަން އޭސީސީގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާކަމަށެވެ.

"ކޮމިޝަނަށް ގިނަ ކަންކަން ފާހަގަކުރެވިފައި ވީނަމަވެސް ޙައްޖުގެ ކަންކަން ހުއްޓާލާކަށް އަދި އަންގާފައެއް ނުވާނެ. ކޮމިޝަންގެ ފަރާތުން ރަސްމީކޮށް މިނިސްޓްރީއަށް ސިޓީއަކުން މިހަފްތާގަ އެގޮތަށް އަންގާފައިވާނެ. އެއީ ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅުން ހުރިކަމަކަށްވާއިރު ލަސްވާނަމަ ރައްޔިތުންގެ ކަންބޮޑުވުންހުރިކަމަކަށްވާތީ އެކަން ނުހުއްޓޭނެހެން ކުރިއަށް ގެންދިއުމަށް ވާނީ އަންގާފަ. ނަމަވެސް މައްސަލަ އެކީ އަދި ނުނިމޭ." އެސީސީގެ ނާއިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އެ މައްސަލައިގައި މިނިސްޓްރީން ފިޔަވަޅު އަޅާނީ އޭސީސީގެ ތަޙުޤީޤަށް ފަހު އެ ކޮމިޝަނުން އަންގާ ގޮތެއްގެ މަތިންކަމަށެވެ. ޙައްޖަށް މީހުން ގެންދިއުމަށް ކޯޓާ ދޫކުރުމުގައި އިސްލާމިކް މިނިސްޓްރީން ޢަމަލުކުރި ގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ސިސިލްފަރު ކުންފުނިން އެ މައްސަލަ ސިވިލް ކޯޓަށްވެސް ހުށައެޅިއެވެ. ނަމަވެސް އެ މައްސަލާގައި އިޖުރާޢަތްތައް ފުރިހަމަނުވާކަމަށް ބުނެ ކޯޓުން ވަނީ އެ މައްސަލަ ކުރިއަށް ނުގެންދިއުމަަށް ނިންމާފައެވެ.

ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދޫކުރުމުގައި ޢަމަލުކުރާ އުސޫލް މިހާރު އޮތްގޮތުން ކޮރަޕްޝަނަށް މަގުފަހިވާކަމަށް ފާހަގަކުރެވޭތީ އޭސީސީން ވަނީ އެ އުސޫލް ބަދަލުކުރުމަށްވެސް މިނިސްޓްރީއަށް ލަފާދީފައެވެ.