ތަޢުލީމު

ޓީޗަރުންނަށް ހާއްސަ ލޯން ސްކީމް ތައާރަފް ކޮށްފި


ބޭންކް އޮފް
މޯލްޑިވްސް އިން ޓީޗަރުންނަށް ޚާއްސަކޮށްގެން ފަންސާސް ހާސް ރުފިޔާއާއި އެއްލައްކަ
ރުފިޔާއާ ދެމެދުގެ ޢަދަދަކަށްލޯނު ނެގޭ ސްކީމެއް އިފްތިތާހުކޮށްފިއެވެ. މި ލޯން
ސްކީމް އިފްތިތާހްކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމްއެވެ.



ޓީޗަރުންނަށް ޚާއްސަކޮށްގެން
ފެށި މި ލޯންއިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން
މިނިސްޓަރު ޑރ. އައިޝަތު ޝިހާމު ވިދާޅުވީ، ރަހުނެއްބެހެއްޓުމެއް ނެތި އަދި
ގެރަންޓީދޭނެ ފަރާތަކާއި ނުލައި ލިބޭގޮތަށް ހަމަޖެހިފައިވާ މިލޯނު ސްކީމުގެ
ސަބަބުން ދިރިއުޅުމުގައި މުދައްރިސުންނަށް ދިމާވާ މުހިންމުކަންތައްތަކުގައި
އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެވިގެން ދާނެކަމަށެވެ. އަދި މި ސަރުކާރުގެ
އަމާޒަކީ މުއްދައްރިސުންގެ ފެންވަރު ރަނގަޅުކޮށްދީ މުއްދަރިސުންގެ ކުރިއެރުމަށް
މަސައްކަތް ކުރެއްވުންކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކު އޮފް މޯލްޑިވްސްގެ ސީއީއޯ އަދި
މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ، ތައުލީމީ ދާއިރާ ކުރިއެރުވުމަށް އަބަދުވެސް
ބޭންކް އޮފް މޯލްޑިވްސްއިން މަސައްކަތްކުރައްވާ ކަމަށެވެ. އެގޮތުން ގައުމުގެ
މުސްތަގްބަލް ހެޔޮގޮތުގައި ބައްޓަން ކުރުމަށް މަސައްކަތްކުރަމުންދާ ހިދުމަތްތެރި
ޓީޗަރުންނަށް އަމާޒުކުރެވިގެން މިފަދަ ލޯނެއް ތައާރަފްކުރެވޭކަމީ ބޭންކް އޮފް
މޯލްޑިވްސްއަށް ލިބޭ ފަހުރެއްކަމުގައި ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ. 

ޓީޗަރުންނަށް ހާއްސަކުރެވިގެން ބީއެމްއެލްއިން ލޯނެއް ތައާރަފްކުރުމަކީ ޓީޗަރުންނަށް
ދިމާވާ އެކި އެކި ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމެއްކަމަށާއި، މިފަދަކަމެއްގެ
ސަބަބުން ޓީޗަރުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ޕަބްލިކް ސާވިސް
މީޑިއާ ވާހަކަދެއްކެވި ތަޢުލީމީ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް
ފަރާތްތަކުންވަނީ ބުނެފައިއެވެ. 



މި ލޯނު ނެގުމަށް ބޭންކުގައި ރަހުނެއް ބަހައްޓާކަށްނުޖެހޭނެކަމަށާއި އަދި ގެރަންޓާ
އެއް ވެސް ބޭނުންނުވާނެކަމަށް ބިއެމްއެލްއިން މަޢުލޫމާތުދެއެވެ.  



މި ލޯނަށްއެޕްލައި ކުރާތާ 5 ދުވަސްތެރޭ ލޯނު ހަމަޖެހޭނެ ކަމަށް ވެސް ބޭންކުންބުނެއެވެ.
އަދި ބީއެމްއެލް އިން އެހެން ލޯނެއް ނަގާފައިވާ ޓީޗަރުންނަށްވެސް މި ލޯނު ލިބޭނެ އިންތިޒާމް
ހަމަޖެހިފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ.



މި ލޯނު ލިބުމުގެ ޝަރުތު ތަކުގެ ތެރޭގައި ސަރުކާރު ނުވަތަ އަމިއްލަފަރާތަކުން
ހިންގާ ސްކޫލެއްގައި މިހާރު ވަޒީފާއަދާކުރައްވާ ފަރާތަކަށް ވުން ނުވަތަ މަތީ
ތައުލީމު ދޭ މުއައްސަސާއެއްގައި ފުލްޓައިމް ލެކްޗަރާއަކަށް ވުން ހިމެނެއެވެ. އަދި 50,000/-
ރުފިޔާގެ ލޯން ނަގާނަމަ މަދުވެގެން 10,000/- ރުފިޔާގެ މުސާރައެއް އެ ޓީޗަރަކަށް
ލިބެންޖެހެއެވެ. 100,000/-   ރުފިޔާގެ ލޯނެއް ނަގާނަމަ
މުސާރައިގެ ގޮތުގައި އެ ޓީޗަރަކަށް  20,000/-
ރުފިޔާ ލިބެންޖެހެއެވެ. މިލޯން ދައްކަން ޖެހެނީ 5 އަހަރު ދުވަހުގެ
ތެރޭގައެވެ.