ސިޔާސީ

ދިވެހިންނަށް ރަޝިޔާއިން އޮންއެރައިވަލް ވިސާ ހަމަޖައްސަނީ


ދިވެހިންނަށް ރަޝިޔާއިން އޮން އެރައިވަލް ވިސާ ހަމަޖެއްސުމުގެ މަޝްވަރާތަކަށް ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު އެޤައުމަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅަކީ ރަޝިޔާގެ ފޮރިން މިނިސްޓަރ ސަރްގޭ ލަވްރޯފް އާއި ބައްދަލުކުރެއްވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އަދި މިއީ ދިވެހިރާއްޖެއާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ފުރަތަމަ ފަހަރުކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ލަވްރޯފްއާއި ބައްދަކުރައްވައި، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި ދެޤައުމުގެ ރައްޔިތުންނަށް އެއް ޤައުމުން އަނެއް ޤައުމުގައި ވިސާ އެގްޒެމްޕްޝަންގެ އިންތިޒާމް ހަމަޖެއްސުމުގެ އެއްބަސްވުމެއްގައި ދެޤައުމުގެ ޚާރިޖީ ވަޒީރުން ސޮއެކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން ދިވެހި ރައްޔިތުންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ރަޝިޔާއިން ލިބޭނެއެވެ. މި އެއްބަސްވުމުގެ ބޭނުމަކީ ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ފަސޭހަކަމާއިއެކު އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރެވޭނެ މަގު ފަހިކުރުމެވެ.