ވިޔަފާރި

ސަރުކާރުން އިންވެސްޓަރުން މަގުމައްޗެއް ނުކުރާނެ - ޓުއަރިޒަމް މިނިސްޓަރ


އެއްވެސް އިންވެސްޓަރަކަށް ގެއްލުންވާނޭފަދަ ގޮތަކަށް ސަރުކާރުން އަމަލުނުކުރާނޭކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބައެއް ރަށްރަށުގެ އެއްބަސްވުންތައް ބާތިލްކޮށް، ބައެއް ރަށްރަށުގެ މަސައްކަތްތައް މަޑުޖައްސާލަން އަންގަމުންދާ ދިއުމާ ގުޅޭގޮތުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ ޤާނޫނީގޮތުން ހެދިފައި ހުންނަ އެއްބަސްވުންތަކަށް ސަރުކާރުން ފުރިހަމައަށް އިޚްތިރާމް ކުރާނޭކަމަށެވެ. އަދި އެއްވެސް ރަށެއްގެ އެއްބަސްވުން ބާތިލްކުރާނަމަ ނުވަތަ މަސައްކަތް މަޑުޖައްސާލާނަމަ އެކަމަށް ސަރުކާރުން ޙައްލުވެސް ހޯއްދަވައިދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޤާނޫނީ ގޮތުން ބައިންޑިންގ ކޮންޓްރެކްޓް ހެދިފައި ހުންނައިރު، ރާއްޖޭގައި ތިބި އިންވެސްޓަރުންނަށްވެސް ދަންނަވާލަން ސަރުކާރުން މަޑުޖައްސާލަން މިހެން އެންގުމަށްފަހު ސަރުކާރުން ހޯދާނެ ސޮލިއުޝަންވެސް، އޭގެ މާނައަކީ މިސަރުކާރުން އެއްވެސް މީހަކު މަގުމަތިކޮށެއް ނުލާނެއޭ.. އަޅުގަނޑުމެން ޤަބޫލެއް ނުކުރަން ޑިސްޕިއުޓަކަށް ގޮސް، ކޯޓު ބެޓްލްތަކަކަށް ދާންޖެހޭކަމަކަށް ޤައުމު ތަރައްޤީކުރުމުގައި އެންމެންގެ ހެވާ ލާބަޔަކަށް ނިންމޭ ނިންމުންތަކުގައި" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ތިމާވެއްޓަށް ގެއްލުންނުވާނެހެން ފަތުރުވެރިކަމަށް ރަށްރަށް ތަރައްޤީކުރުންކަމަށްވާއިރު، އެއާ ޚިލާފަށް އެއްވެސް ރަށެއް ތަރައްޤީކުރުމަށް ސަރުކާރުން ހުއްދައެއް ނުދޭނެކަމަށެވެ. އަދި ކުރީ ސަރުކާރުން އެފަދަ ގޮތަކަށް ތަނެއް ދޫކޮށްފައިވާނަމަ އެކަންކަން މިސަރުކާރުން ހުއްޓުވާނޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މިދަނީ ބަލަމުން ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ރަށްރަށުގެ މައްސަލަތައް، ތިމާވެއްޓަށް ގެއްލުންވާނެ ފަދަގޮތަކަށް ތަރައްޤީކުރުމަށް ދޫކޮށްފައިވާ ހުރިހާ ތަނެއްގެ މައްސަލަ ބަލާނަން، ތިމާވެއްޓަށް ގެއްލުންވާނެ ފަދަ އެއްވެސް ގޮތަކަށް މަސައްކަތްކުރުމަށް ފުރުޞަތެއް ނުލިބޭނެ، އަދި އެގޮތަށް އަމަލުކުރާއިރު ޤާނޫނީގޮތުން ހަދާފައިވާ އެއްބަސްވުމެއް ބާތިލުކުރަން ދައްކަންޖެހޭ ފައިސާއެއް ސަރުކާރުން ދައްކާނެ" މިނިސްޓަރ ވިދާޅުވިއެވެ.

ތިމާވެއްޓަށް ގެއްލުންވާނޭހެން ރަށްރަށް ތަރައްޤީކުރުން ސަރުކާރުން ހުއްޓާލާފައިވާއިރު، މިހާރުވެސް ފަތުރުވެރިކަމަށް ދޫކޮށްފައިވާ ދެ ރަށެއްގެ މަސައްކަތް ވަނީ ތިމާވެއްޓަށް ގެއްލުންވާނެތީ ހުއްޓުވާފައެވެ. އޭގެ ތެރެއިން ގއ. އޮޑެގައްލާގައި ތަރައްޤީކުރުމަށް ހަދާފައިވާ އެއްބަސްވުން އުވާލުމަށް ސަރުކާރުން ނިންމާފައިވާއިރު، ބ. އިންނަފުށީގައި ރިސޯޓް ތަރައްޤީކުރުމުގެ މަސައްކަތް މަޑުޖައްސާލުމަށް ސަރުކާރުން ވަނީ އަންގާފައެވެ.

މިރަށްތަކުގެ ތެރެއިން ގއ. އޮޑެގައްލާއަކީ ތިމާވެށީގެ ގޮތުން ޚާއްސަ ގިނަ ސިފަތަކެއް ލިބިފައިވާ ރަށެއްކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފައެވެ. އަދި އެރަށަކީ ގިނަ އަދަދެއްގެ ދޫނި ބިސް އެޅުމަށާއި ނިދަންއަރާ ރަށަކަށްވާއިރު ވެލާ ބިސް އެޅުމަށްވެސް އެރަށަށް އަރާކަމަށް އީޕީއޭގެ ރިޕޯޓެއްގައިވެއެވެ. މީގެ އިތުރުން އޮޑެގައްލާގެ ފަރަކީ ރައްޖޭގެ ބައެއް ރަށްތަކާއި ޚިލާފައި ގުދުތަރީ ބޮޑު މުއްސަނދިކަމެއް ލިބިފައިވާ ފަރެއް ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ. އަނެއްކޮޅުން ބ. އިންނަފުށްޓަކީ ބ.އަތޮޅުގެ ހިމާޔަތްކޮށްފައިވާ ބަޔޮސްފިޔަރ ރިޒާވް ސަރަޙައްދުގައި އޮންނަ ރަށެކެވެ.