ތަރައްްޤީ

ތިން ރަށެއްގެ ބަނދަރު ހެދުމަށް ބަޔަކާއި ހަވާލުކޮށްފި


ތިން ރަށެއްގެ ބަނދަރު ހެދުމަށްޓަކާއި ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފިއެވެ. ހެވީ ފޯސްއާ ޙަވާލުކޮށްފައިވާ ތިން ރަށަކީ ދ. ރިނބިދޫއާ ސ. މަރަދޫ ފޭދޫ އަދި ތ. އޮމަދޫއެވެ.

ސ.ފޭދޫ ބަނދަރުގެ މަސައްކަތުގައި ހިމެނެނީ 260 މީޓަރުގެ އެއްގަމު ތޮށި ލުމާއި، ބޭރު ތޮށީގެ 243މީޓަރުގެ ސަރަަހައްދެއްގައި ބޮޑުހިލަޖެހުމެވެ. ދ.ރިނބުދޫ ބަނދަރުގައި 254މީޓަރު އެއްގަމު ތޮށި ޖެހުމާއި، 65 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއްލުން ހިމެނެއެވެ. އަދި ތ.އޮމަދޫ ބަނދަރުގައި 388 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމަށް ނިންމާފައިވާއިރު 307 މީޓަރުގެ ބޭރު ތޮށި ލުމަށްވެސްވަނީ ނިންމާފައެވެ.

މި މަޝްރޫޢުތަކުގެ ދަށުން ބައެއް ރަށްރަށުގައި ރިވެޓްމަންޓް ޖެހުމާއި، ބަނދަރުގައި ލައިޓްޖެހުމާއި، ޕޭވްމަންޓް ހެދުމާއި، ރޭމްޕް ހެދުމުގެ އިތުރުން ބަނދަރު ފުންކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.

ތިން ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ހެވީ ފޯސްއާއި ހަވާލުކޮށްފައިވަނީ ޖުމްލަ 93.3 މިލިއަން ރުފިޔާއަށެވެ. މަރަދޫ ފޭދުއާއި، އޮމަދޫގެ ބަނދަރު ނިންމުމަށް ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައެވެ. އަދި ރިނބުދޫ ބަނދަރުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ޕްލޭނިންގ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ވިދާޅުވީ މި ރަށްތަކަކީ ބަނދަރުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށްތައްކަމަށެވެ.

"ރިނބުދުއާއި އޮމަދޫގައި ބޭނުންކުރަމުންދަނީ ޖެޓީ. އަދި މަރަދޫ ފޭދޫގެ ބަނދަރުވަނީ ވަރަށް ބޮޑަށް ހަލާކުވެފައި." ޝާނާ ވިދާޅުވިއެވެ.

ޕްލޭނިންގ މިނިސްޓްރީން މިއަހަަރު 45 ރަށެއްގައި ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާއިރު، މީގެތެރެއިން 15 ރަށެއްގެ މަސައްކަތް މިހާރު ބަޔަކާއި ހަވާލުކޮށްފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދިި 13ރަށެއްގެ މަސައްކަތް ޓެންޑަރަށް ހުޅުވާލާފައިވާއިރު، ނުވަ ރަށެއްގެ މަސައްކަތް ޓެންޑަރިންނަށް ވަރަށް ހުޅުވާލާނެކަމަށް މިނިސްޓްރީން ވިދާޅުވެފައެވެ.

އަދި މިއަހަރު ފަހުކޮޅު ލޯނު އެހީގައި އިތުރު 6 ރަށުގެ ބަނދަރުގެ މަސައްކަތް ފަށާނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެފައެވެ.