ތިމާވެށި

އޭޝިއާ/ޕެސިފިކް ގައުމުތަކުގެ ކުނި މެނޭޖްކުރުމާ ބެހޭ ފޯރަމެއް


އޭޝިޔާ އަދި ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ ކުނި މެނޭޖްކުރުމާއި
ގުޅޭގޮތުން ބާއްވާ " ތްރީ އާރ ފޯރަމް " މިއަދު އިޢުލާންކޮށްފިއެވެ.




ތިމާވެއްޓާއި ބެހޭ ވުޒާރާއިން މިއަދު ބޭއްވި
ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ތޯރިޤް އިބްރާހީމް ވިދާޅުވީ، މި
ފޯރަމްގެ މަޤްޞަދަކީ އުފައްދާ ކުނި މަދުކޮށް އަލުން ބޭނުންކޮށް ރީސައިކަލް
ކުރެވޭނެގޮތާއި މެދު މަޝްވަރާކުރުމަށް ބާއްވާ ފޯރަމެއް ކަމަށެވެ. އެހެން ކަމުން މި
ފޯރަމްގެ ސަބަބުން މިތިންކަމަށް އިސްކާންދީގެން ކުނި ނައްތާލުމަށް ބާރުއަޅާ
މަޝްވަރާކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



30 ޤައުމަކުން 300
މަންދޫބުން ބައިވެރިވާ މި ފޯރަމް މިއަހަރު ރާއްޖޭގައި ބާއްވަނީ ޓޫރިޒަމް މިނިސްޓްރީ
އާއި ގުޅިގެން ކަމަށްވާތީ މި ފޯރަމްގައި 52 
ރިސޯޓުން ބައިވެރިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މި
ފޯރަމަށްފަހު ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުނި މެނޭޖްކުުރުމާއި
ގުޅޭގޮތުން ހޭލުންތެރިކުރުމާއި ވަރަށް އަވަހަށް ރޭޑިޔޯ ޕްރޮގްރާމްތައްވެސް
ކުރިއަށް ގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓްމަހުގެ 17 އިން 19
އަށް ދަރުބާރުގޭގައެވެ. މީގެ އިތުރުން މި ފޯރަމް ފެށުމުގެ އެއްދުވަސްކުރިން ތްރީ
އާރު ދުވަހުގެ ގޮތުގައި އޮގަސްޓް މަހުގެ ސޯޅަވަނަ ދުވަސްފާހަގަކުރެވޭނެއެވެ. އަދި
އެދުވަހު ރާއްޖޭގައި އޮޕަރޭޓްކުރާ ހުރިހާ ރިސޯޓެއް އެކުގައި ކުނި މަދުކުރުމާއި
ހެޔޮގޮތުގައި ކުނި ނައްތާލުމުގެ މަޤްޞަދުގައި ޑެކްލަރޭޝަނެއްގައި ސޮއެކުރެވޭނެ
ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.