ކުޅިވަރު

ކޮޅިގަނޑެއްގައި ޖެހި، އެތްލެޓިކްސް މުބާރާތުގެ ޓެންޓުތައް ހަލާކުވެއްޖެ


ރޭ އައި ކޮޅިގަނޑެއްގައި ވައި ގަދަވެ، ގދ. ތިނަދޫގައި މިހާރު ކުރިއަށްދާ އިންޓަ ސްކޫލް އެތްލެޓިކްސް މުބާރާތުގައި ސްކޫލުތަކުން ބޭނުންކުރަމުން އައި ޓެންޓުތައް ހަލާކުވެއްޖެ އެވެ.

މި ދުވަސްވަރު ތިނަދޫއަށް ވިއްސާރަ ނުކުރި ނަމަވެސް، ރޭ އައި މި ކޮޅިގަނޑުގައި ޖެހި ސްޓޭޑިއަމްގައި ހަރުކޮށްފައިހުރި ދެ ޓެންޓުގެ ތެރެއިން އެއް ޓެންޓު ވަނީ ހަލާކުވެފައެވެ. މިހާރު ހަލާކުވި ޓެންޓު މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު މުބާރާތުގައި މިއަދު ހެނދުނުގެ އިވެންޓުތަކަށް ސްކޫލުތަކުން ބޭނުން ކުރަމުންދާނީ ހަލާކު ނުވެ ހުރި ޓެންޓެވެ.

ތިނަދޫ ސްޓޭޑިއަމްގައި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެޅި ބޮޑު ދެ ޓެންޓަކީ މުބާރާތުގައި ބައިވެރިވާ ސްކޫލުތަކަށް ޚާއްސަކޮށްގެން އެޅި ޓެންޓުތަކެކެވެ.

މި ހާދިސާ ހިނގި ނަމަވެސް މުބާރާތުގެ ޝެޑިއުލްއަކަށް ބަދަލެއް ނާދެއެވެ. މިއަދުގެ ހެނދުނުގެ އިވެންޓުތައް 07:00ގައި ވަނީ ފަށާފައެވެ.

އިއްޔެ ފެށި މި މުބާރާތް މިމަހުގެ 27 އާ ހަމަށް ކުރިއަށް ގެންދާއިރު، މި މުބާރާތުގައި 29 ސްކޫލެއްގެ 104 ޓީމުން 565 އެތްލީޓުން ބައިވެރިވެއެވެ.