ޚަބަރު

އޮޑެގައްލާގައި ރިސޯޓެއް ތަރައްޤީކުރަން ވި އެއްބަސްވުން އުވާލަން ސަރުކާރުން ނިންމައިފި


ގއ.އޮޑެގައްލާގައި ރިސޯޓެއް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުން އުވާލަން ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތުދެއްވަމުން މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ކުރީ ސަރުކާރުން އެރަށުގައި ރިސޯޓެއް ހެދުމަށް ހުއްދަ ދީފައިވަނީ އޮންނަ ޤަވާއިދުތަކުގެ ދަށުންކަމަށެވެ. ނަމަވެސް ރިސޯޓް ހެދުމަށް ދީފައިވާ ހުއްދަ ބާތިލް ކުރުމަށް ސަރުކާރުން ނިންމީ ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބަލާ ރިޕޯޓަށް ބެލުމަށްފަހުގައި ކަމަށެވެ. އެގޮތުން އެ ރިޕޯޓު ދައްކާގޮތުން އެރަށަކީ ދިރޭތަކެތީގެ މުއްސަނދި މާޙައުލަކަށް ވެފައި، އެރަށުގައި ރިސޯޓް ތަރައްޤީކޮށްފިނަމަ ރަށުގެ ތިމާވެއްޓަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.

އޮޑެގައްލާގައި ރިސޯޓެއް ހެދުމަށް ދީފަވަނީ ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަންގެ ވެރިޔާ މުޙައްލަދު ޢަލީ ޖަނާހުއަށެވެ.
މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ މިކަމާއި ގުޅިގެން ރަށް ކުުއްޔަށްދޫކުރި ފަރާތާއިއެކު މަޝްވަރާކޮށް، ރަށުގައި އިތުރު މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާކަމަށެވެ.

"މިއަދުން ފެށިގެން އެރަށުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާގޮތަށް ނިންމައިފިން. ދެން ކަންތައްކުރަންވީ ގޮތަކާމެދު ރައީސްގެ ލަފަޔަކަށް އެދިފައިވަނީ، ރައީސްގެ ނިންމުމަށްފަހު ބަދަލު ދޭނެގޮތެއް ނިންމާނީ". މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ.

މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ ޓުއަރިޒަމަށް ރަށްތައް ކުއްޔަށްދޭނީ، މިފަދަ ތިމާވެށީގެ މުއްސަނދިކަން ލިބިފައިވާ ރަށްތައް އުނިކުރުމަށް ފަހުކަމަށެވެ.

"އިންވެސްޓަރުންގެ އިތުބާރު ނުގެއްލޭގޮތަށް މިފަދަ ކަންކަން ކުރާނީ." މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ.

އޮޑެގައްލާއާއި ގުޅޭގޮތުން އީޕީއޭއިން ހަދާފައިވާ ރިޕޯޓްގައި ބުނެފައިވަނީ މިއީ ތިމާވެށީގެ ގޮތުން ޚާއްސަ ގިނަ ސިފަތަކެއް ލިބިފައިވާ ރަށެއްކަމަށެވެ. އެގޮތުން އެރަށަކީ ގިނަ އަދަދެއްގެ ދޫނި ބިސް އެޅުމަށާއި ނިދަންއަރާ ރަށެެއް ކަމަށެވެ. އަދި ވެލާ ބިސް އެޅުމަށް އެރަށަށް އަރާ ކަމަށްވެސް ވެއެވެ. މީގެ އިތުރުން އޮޑެގައްލާގެ ފަރަކީ ރައްޖޭގެ ބައެއް ރަށްތަކާއި ޚިލާފައި ގުދުތަރީ ބޮޑު މުއްސަނދިކަމެއް ލިބިފައިވާ ފަރެއް ކަމަށްވެސް އީއައިއޭ ރިޕޯޓްގައި ބުނެފައިވެއެވެ.

ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ގއ. އަތޮޅު ކައުންސިލުންވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙަށާއި، ޓޫރިޒަމް މިނިސްޓަރަށް ޝުކުރު އަދާކޮށްފައެވެ. މިކަމާއި ގުޅިގެން ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އޮޑެގައްލާއަކީ އަތޮޅުގެ މަސްވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ ރަށެއްކަމަށެވެ. އެގޮތުން އައިންމަތީ ދޫނި ނިދަން އަރާ، ބިސްއަޅައި އާލާވާ ރަށަކަށްވުމާއި، މަސްވެރިން އެންދެމުނަށް ބޭނުންކުރާ މުހިންމު ފަރުގެ ސަރަޙައްދެއް އޮންނަ ރަށެއްކަމަށްވެސް ބުނެފައިވެއެވެ.