ސިއްހަތު

2 ރަށެއްގެ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށް އެ 2 އިމާރާތް ޑިޒައިންކުރުމަށް ބަޔަކާއި ހަވާލުކޮށްފި


ދެ ރަށެއްގެ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރާތުގެ ޑިޒައިންކޮށްދިނުމާއި، ބިލްސް އޮފް ކުއަންޓިޓީޒް، ބީ.އޯ.ކިއުގެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

އަތޮޅުތަކުގައި ހިންގަމުންދާ ޞިއްޙީ މަރުކަޒުތަކުގެ ތެރެއިން ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ނިންމާފައިވަނީ ނ. ވެލިދުއާއި ރ. އަލިފުށީ ސިއްޙީ މަރުކަޒެވެ. މި 2 ރަށުގެ ތެރެއިން ނ. ވެލިދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރާތް ޑިޒައިންކުރުމާއި، ބީ.އޯ.ކިއު ތައްޔާރުކުރުމަށް ހަވާލުކޮށްފައިވަނީ އިޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ރ. އަލިފުށީ ޞިއްޙީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރާތް ޑިޒައިންކުރުމާއި، ބީ.އޯ.ކިއު ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުންތަކުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީނެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކޮށް، އަތޮޅުތެރޭގެ ޞިއްޙީ ނިޒާމު ވަރުގަދަކުރުމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން، ޞިއްޙީ މަރުކަޒުތަކުގެ ތެރެއިން ހޮސްޕިޓަލް ފެންވަރަށް ބަދަލުކުރަންޖެހޭ ތަންތަން ދެނެގަނެ، އެ މަސައްކަތް މިނިސްޓްރީގެ ފަރާތުން ކުރަމުންދާކަމަށެވެ. މިނިސްޓަރ އަމީން ވިދާޅުވީ، ވެލިދޫއާއި އަލިފުށީ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުން، އައި.ސީ.ޔޫއާއި، އެކްސްރޭގެ ޚިދުމަތާއި، ޑައިލަސިސްއާއި ފިޒިއޮތެރެޕީގެ ފަދަ މިހާރު އެރަށްރަށުން ލިބެންނެތް ޚިދުމަތްތައް ތަޢާރަފުކުރެވިގެންދާނެކަމަށެވެ.

މި 2 ރަށުގެ އިތުރުން، ބ. އޭދަފުށީ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އަޅާ އައު އިމާރާތް ޑިޒައިންކޮށް، ބީ.އޯ.ކިއު ތައްޔާރުކޮށްދިނުމަށްވެސް ހެލްތް މިނިސްޓްރީން ވަނީ ހަވާލުކޮށްފައެވެ. އެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އިޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާއެވެ.

ނ. ވެލިދޫ ޞިއްޙީ މަރުކަޒަކީ 1 ޖެނުއަރީ 2006 އިން ފެށިގެން 24 ގަޑިއިރުގެ ޙިދުމަތްދޭ 3 ވަނަ ދަރަޖައިގެ ޞިއްޙީ މަރުކަޒެކެވެ. އަދި ރ. އަލިފުށީ ޞިއްޙީ މަރުކަޒަކީވެސް 24 ގަޑިއިރުގެ ޙިދުމަތްދޭ މަރުކަޒެކެވެ. 11 އެނދުގެ ޖާގައިގެ މި ދެ ޞިއްޙީ މަރުކަޒު، ހޮސްޕިޓަލް ފެންވަރަށް ތަރައްޤީވެގެންދާއިރު، 35 އެނދުގެ ޖާގައަށް ބަދަލުވެގެންދާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.