ކުޅިވަރު

ސްވިމިންގް ޕޫލް އެޅުމަށް ހަމަޖެހިފައިވާ ބިން ލިބިއްޖެ


އާބިޓްރޭޝަންއިން މަސައްކަތް ނިމި ސްވިމިންގެ ޕޫލްއެޅުމަށް ހަމަޖެހިފައިވާ ބިން ވަރަށް އަވަހަށް ޔޫތް މިނިސްޓްރީއާއި ހަވާލް ކުރާނެކަމަށް މޯލްޑިވްސް ސްވިމިންގް އެސޯސިއޭޝަންއިން ބުނެފިއެވެ.
ސްވިމިންގް ޕޫލް އެޅުމަށް ހަމަޖެހިފައިވާ މާލޭގެ އެއް ނަމްބަރު ކުނިކޮށީގެ ބިން ނުލިބި ލަސްވެގެންދިޔައީ އެބިމަކީ އެހެން ފަރާތަކަށް ދީފައިވާ ބިމަކަށްވެފަ، އެމައްސަލަ އާބިޓްރޭޝަންގައި އޮތުމުގެ ސަބަބުންނެވެ. ސްވިމިގް އެސޯސިއޭޝަންގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްއާއި ބައްދަލުކޮށް އެސޯސިއޭޝަންއިންވަނީ މަޝްވަރާތަށް ކުރިއަށް ގެންގޮސްފައެވެ.

ސްވިމިންގެ އެސޯސިއޭޝަންގެ ނައިބް ރައީސް އިސްމާޢީލް އަލީ ވިދާޅުވީ މިހާރު އާބިޓްރޭޝަންގައި އޮތް އެއް ނަންބަރު ކުނިކޮށީގެ ބިމުގެ މައްސަލަނިމި ވަރަށް އަވަހަށް ޕްލޭނިން މިނިސޓްރީން އެބިން ޔޫތް މިނިސްޓްރީއާއި ހަވާލް ކުރާނެކަމަށެވެ. އިސްމާއީލް ވިދާޅުވީ މިހާރުވެސް ޕޫލްގެ ކޮންސެޕްޓް ޑިޒައިންގެ މަސައްކަތް ނިމިފައިވާކަމަށާއި މިބިން ލިބުމާއެކު ބީއޯކިއުގެ މަސައްކަތާއި ތަފްސީލީ ކުރެހުމުގެ މަސައްކަތްކަތުގެ އިތުރުން ޕޫލް އަޅާނެބައެއް ހޯދުމަށް އިޢުލާން ކުރެވޭނެއެވެ. ރާއްޖޭގައި 2023ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ސްވިމިންގް ޕޫލްއަކީ ވަރަށް މުހިންމު އެއް ތަންކަމަށް އިސްމާޢީލް ވިދާޅުވިއެވެ.

މިބިމުގައި އޮލިންޕިކް ސައިޒްގެ ސްވިމިންގް ޕޫލްއެއް އެޅުމަށް ހަމަޖެހިފައިވާއިރު، މިޕޫލްވެގެންދާނީ 50 މީޓަރު ދިގު، 25 މީޓަރު ފުޅާ މިނުގެ 10 ލޭން އޮންނަ ޕޫލްއަކަށެވެ. އަދި ވޯމްއަޕް ޕޫލެއްގެ ގޮތުގައި 25 މީޓަރުގެ 4 ލޭން އޮންނަ ޕޫލްއެއްވެސް އެޅުމަށްވަނީ ހަމަޖެހިފައެވެ. މިއީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް އެންމެ މަދު މިންވަރެވެ.

ޕޫލްގެ އިތުރުން އެސަރަހައްދުގައި ޖިމްއަކާއި ދުއްވާ އެއްޗެހި ޕާކް ކުރާނެ ސަރަހައްދަކާއި އޮފީސް ބައެއްގެ އިތުރުން ފާހާނާއާއި ކެންޓީނެއްވެސް ހެދުމަށްވަނީ ހަމަޖެހިފައެވެ.
މިޕޫލްގެ ސަބަބުން ގައުމީ ފަތާ ޓީމްތަކަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ އަދި އެހެން ގައުމީ ޓީމްތަކަށްވެސް ރިކަވަރީއަށް ޕޫލަކީ ވަރަށް މުހިންމު ވަސީލަތެއްކަމަށްވެސް ސްވިމިންގް އެސޯސިއޭޝަންގެ ނައިބް ރައީސް އިސްމާޢީލް އަލީ ވިދާޅުވިއެވެ. އަދި މިޕޫލްވެގެންދާނީ ސްވިމިގް އެސޯސިއޭޝަންއިން ރާއްޖެއަށް ރަން މެޑަލްއެއް ގެނައުމަށް ކުރާ މަސައްކަތުގެ އެންމެ މުހިންމު އެއް ބައިކަމަށްވެސް އިސްމާޢިލް ވިދާޅުވިއެވެ.