ޚަބަރު

ތަފާތު ހުނަރުތައް އެނގޭބަޔަކަށް ޒުވާނުން ވާންޖެހޭ - ނާއިބު ރައީސް


އެންމެ މަސައްކަތެއްކޮށްގެން އާމްދަނީ ހޯދާ ބައެއްގެ ބަދަލުގައި ޒުވާނުންނަކީ ތަފާތު ހުނަރުތައް އެނގޭ ބަޔަކަށް ވާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ޒުވާނުންނާއި ސްކޫލް ދަރިވަރުން ވަޒީފާގެ މައިދާނަށް އަހުލުވުވެރިކުރުވާއި އެކިކަހަލަ ހުނަރުތަކާގުޅޭ ގޮތުން މަޢުލޫމާތުދިނުމަށް ކުރިއަށްގެންދާ "ހުނަރުވެނި" ސްކިލްސް ޝޯ ހުޅުއްވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އިންތިޒާމްކޮށްގެން ދަރުބާރުގޭގައި ކުރިއަށްގެންދާ ހުނަރުވެނި ސްކިލްސް ޝޯވ ހުޅުއްވައިދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވީ، މީގެ އަހަރުތަކެއް ކުރިން ރާއްޖޭގެ ވަކި ރަށެއްގެ ނަން ބުނުމުން، އެއީ ވަކި ބްރޭންޑެއްގެ ގޮތުގައި ނުވަތަ ވަކި ކަހަލަ މަސައްކަތެއް ކުރުމަށް ޙާއްސަ ރަށެއްގެ ގޮތުގައި މީހުންގެ ތެރޭގައި ސިފަވާ ސިފަވުން މިހާރު ނެތެމުންދާކަމަށެވެ. އެގޮތުން ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިންނަކީ ހުނަރުވެރިކަމާއި ފަންނުވެރިކަމަށް މަޝްޙޫރު ބައެއްކަމަށާއި، ނަމަވެސް ޒުވާނުންގެ މެދުގައި މިހާރު އެފަދަ ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވެފައިވާކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.


ނާއިބު ރައީސް ފައިޞަލް ވިދާޅުވީ، މަސައްކަތްތެރިކަމުގެ ދާއިރާގައި ދިވެހިންގެ ބައިވެރިވުން ކުޑަވާނަމަ، އެކަން އެހެން ބައެއްގެ އަތްމައްޗަށް ދިއުންވެގެންދާނީ ޤައުމުގެ ތަރައްޤީއަށް އެޅިގެންދާ ހުރަހެއްކަމަށެވެ. އަދި އެންމެ މަސައްކަތަކަށް ޙާއްސަވެގެން ތިބޭ ތިބުން ބަދަލުކޮށް، ދިރިއުޅުމަށް ބޭނުންވާ އެކި ކަހަލަ ހުނަރުތަކާއި، ތަފާތު މަސައްކަތްތައް ކުރަން އެނގޭ ބަޔަކަށް ދިވެހި ޒުވާނުން ވާންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ވިސްނުންހުރީ ތަޢުލީމީ ނިޒާމުގެ ތެރެއިން އެންމެ ތުއްތުއިރުންސުރެ ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާގެ މައިދާނަށް ކިޔަވާކުދިން އަހުލުވެރިކުރުވުންކަން ފާހަގަކުރައްވާ ނާއިބު ރައީސް ފައިޞަލް ވިދާޅުވީ، ވަކި ވަނަތަކެއް ހޯދުމަށް ކުދިންނަށް ވިސްނައިދިނުމުގެ ބަދަލުގައި، ވަށާޖެހޭ ތަޢުލީމީ ނިޒާމެއްގެ ތެރެއިން، ފަންނުވެރިކަން ދަސްކޮށްދިނުން އެއީ މި ސަރުކާރުގެ އަމާޒުކަމަށެވެ. އަދި ދަރިވަރުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި ފަންނުވެރިކަން، ކުރިއަރުވާ ތަރައްޤީކުރުމުގެ ފުރުޞަތު ސްކޫލް މާހައުލާއި ގޭތެރެއިންވެސް ދަސްކޮށްދޭންޖެހޭކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.


ދިވެހި ޒުވާނުންނަކީ ޤައުމުގެ ތަރައްޤީގެ މައި ހުންގާނުކަން ފާހަގަކުރައްވާ، ރާއްޖޭގެ އާބާދީއާއި ވަޒީފާގެ އަދަތުތަކަށް ބަލާނަމަ، އުޅެން ނުޖެހޭ މިންވަރަށް ބިދޭސީންގެ އަދަދު އިތުރުވެފައިވާކަމަށް ނާއިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ދިވެހިންނަށްވެސް ކުރެވޭ މަސައްކަތްތައް ބިދޭސީންނަށް ދޫކޮށްލުމަކީ ރަނގަޅު ވިސްނުމެއް ނޫންކަމަށާއި، ވަޒީފާގެ މައިދާނުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ހުނަރުވެނި ސްކިލްސް ޝޯ ހުޅުއްވައިދެއްވަމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ޝޯގައި ބައިވެރިވާ ފަރާތްތަކުގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ މައުލޫމާތު ހޯއްދަވާފައެވެ. 2 ދުވަހުގެ މުއްދަތަކަށް ދަރުބާރުގޭގައި ކުރިއަށްދާ މި ޝޯގެ ތެރެއިން ސްކޫލް ދަރިވަރުންނާއި، ޒުވާނުންނަށް ބޭނުންވާ ތަފާތު ހުނަރުތަކާއި، ވަޒީފާގެ ފުރުޞަތުތަކާގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.