ރައްޔިތުންގެ ގާތަށް ގޮސް ޙާލަތު ދެނެގަތުމަށް ސަރުކާރުން ފަށާފައިވާ "ހާލު ކިހިނެއް؟" ޕްރޮގްރާމް ދ.އަތޮޅުގައި ފަށައިފިއެވެ.
އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ޒިޔާރަތުގެ ތެރެއިން މީހުން ދިރިއުޅޭ ގޭބިސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕްކުރުމުގެ މަސައްކަތްތައް ކުރެވޭނެ ކަމަށެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ 'ހާލު ކިހިނެއް؟' ޕްރޮގްރާމް
ދ. އަތޮޅުގައި ކުރިއަށް ގެންދިއުމަށް ކުޑަހުވަދޫ ކައުންސިލާއި ވަނީ މަޝްވަރާކޮށްފައެވެ. މި މިބައްދަލުވުމުގައި، ހާލު ކިހިނެއް ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކާއި ޢާއިލާތަކަށް ގުޅިގެން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ހާލު ކިހިނެއް ޕްރޮގުރާމް މިމަހުގެ ތެރޭގައި ފ.އަތޮޅުގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި މ، އއ، އދ އަތޮޅުގެ ހުރިހާ ރަށެއްގައިވެސް "ހާލު ކިހިނެއް؟" ޕްރޮގުރާމް ފެށޭނެކަމަށް ވިދާޅުވިއެވެ. އެވުޒާރާގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މި ޕްރޮގުރާމް ފެށުންކަމަށް ވިދާޅުވިއެވެ.
....ދާލު އަތޮޅުގައި “ހާލު ކިހިނެއް؟” ޕްރޮގްރާމް ފަށައި، ދ. ކުޑަހުވަދޫގެ ގެތަކަށް ކުރި ޒިޔާރަތްތަކުގެ ތެރެއިން؛
— Ministry of Social and Family Development (@MSFDmv) July 14, 2025
މި ޒިޔާރަތްތަކުގެ ތެރެއިން މީހުން ދިރިއުޅޭ ގޭބީސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ… pic.twitter.com/C8uFEsI4Yk
ޕީއެސްއެމް ނިއުސްއަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު މަރިޔަމް ލަހުފާ ވިދާޅުވެފައިވަނީ ހާލު ކިހިނެއް ޕްރޮގުރާމްގެ ތެރެއިން ނާޒުކު ހާލަތްތަކުގައި އުޅޭކަމަށް ދެނެގަނެވޭ ޢާއިލާތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރެވެމުންދާ ކަމަށެވެ. އެގޮތުން އެފަދަ ޢާއިލާތަކުގައި އުޅޭ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި ކުރު ކޯސްތައް ހިންގުމުގެ މަސައްކަތް ކުރަމުންދާކަމަށް ލަހުފާ ވިދާޅުވެފައިވެއެވެ.
މިއަހަރުގެ މެއި މަހުގެ ނިޔަލަށް މި ޕްރޮގުރާމްގެ ދަށުން 14،000 އަށްވުރެ ގިނަ ގެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މި ޕްރޮގްރާމްގެ ތެރެއިން އާއްމުން އެންމެ ގިނައިން ހުށައަޅާފައިވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަތަކެވެ. މީގެ އިތުރުން ބޭސްފަރުވާއަށް އެހީތެރިކަން ބޭނުންވުމާއި އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެތެރެއިން މާލީ އެހީ ހޯދުމުގެ މައްސަލަތަކާއި ޑޮކްޓަރަށް ދެއްކުމާއި ރާއްޖެއިން ބޭރުން ބޭސް ގެނައުންފަދަ ކަންކަމުގައި ދިމާވާ ދަތިތައް، އާންމުން ފާހަގަކުރެއެވެ.