އޮކްޓޫބަރު މަހުގެ 12ވަނަ ދުވަހު ކެމަރޫންގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ނިންމަވާފައިވާ ކަން ރައީސް ޕޯލް ބީޔާ ހާމަކުރައްވައިފިއެވެ. 92 އަހަރުގެ ބީޔާއަކީ މި ވަގުތު ޤައުމެއްގައި ވެރިކަން ކުރައްވަމުން ގެންދަވާ އެންމެ ދޮށީ ބޭފުޅާއެވެ. ރައީސް ކަމުގެ މަޤާމުގެ އަށްވަނަ ދައުރަކަށް ވާދަ ކުރައްވަން ނިންމަވާފައިވާ ކަން ބިޔާ އިޢުލާނު ކުރައްވާފައި ވަނީ އެކްސްގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައެވެ.
"އަޅުގަނޑަކީ ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓެއް. ވެރިކަމުގައި ތިޔަ ބޭފުޅުންނަށް ޚިދުމަތް ކުރުމުގެ ރޫހާއި ތިޔަ ކުރިމަތިވެފައިވާ ދަތިއުނދަގޫތަކުން ސަލާމަތް ކުރުމުގެ މުހިންމުކަން އެއް ހަމަ،" ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ނިންމަވާފައިވާ ކަން އިޢުލާނު ކުރައްވަމުން ބީޔާ ވިދާޅުވިއެވެ.
ކެމަރޫންގެ ރައީސް ކަމުގެ މަޤާމަށް ބީޔާ އިންތިޚާބުވެ ވަޑައިގަތީ 1982ވަނަ އަހަރުގެ އިންތިޚާބުގައި ކުރީގެ ރައީސް އަޙްމަދޫ އަހީޖޯގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. އޮކްޓޫބަރުގައި ބާއްވާ އިންތިޚާބު ބީޔާ ކާމިޔާބު ކުރައްވައިފި ނަމަ، އުމުރުފުޅުން 100 އަހަރު ފުރޭއިރުވެސް އޭނާ ހުންނަވާނީ ރައީސް ކަމުގެ މަޤާމުގައެވެ. ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ނިންމަވާފައިވާ ކަން ބީޔާ އިޢުލާނު ކުރެއްވި ނަމަވެސް، އޭނާގެ ޞިއްޙީ ހާލަތަކީ ކެމަރޫންގެ ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުމެކެވެ.
އައު ދައުރަކަށް ކުރިމަތިލައްވާނެ ކަން ބީޔާ ހާމަކުރައްވާފައި މި ވަނީ، އެ ކަމަށް ވެރިކަން ކުރާ ކެމަރޫން ޕީޕަލްސް ޑިމޮކްރެޓިކް މޫވްމަންޓް (ސީޕީޑީއެމު)ން ގޮވައިލާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، އިދިކޮޅު ޕާޓީތަކާއި މަދަނީ ޖަމުޢިއްޔާތަކުން ދަނީ ވެރިކަމުން ދުރުވެވަޑައިގެންނެވުމަށް އޭނާއަށް ގޮވައިލަމުންނެވެ. ސަބަބެއް ކަމުގައި އެ ފަރާތްތަކުން ދައްކަނީ ބީޔާގެ ވެރިކަމުގައި ކެމަރޫންގެ އިޤްތިޞާދު މަޑުޖެހުމާއި، ޑިމޮކްރެޓިކް ގޮތުން ތަރައްޤީއަށް ހުރަސް އެޅިފައި އޮތުމެވެ. ސީޕީޑީއެމްގައި އިސް ދައުރެއް އަދާ ކުރައްވަމުން ގެންދެވި ދެ ބޭފުޅަކު ވަނީ ޕާޓީން ވަކިވެ، ކުރިއަށް އޮތް އިންތިޚާބުގައި ވާދަ ކުރާނެ ކަން އިޢުލާނު ކޮށްފައެވެ.
ވެރިކަމުގައި ދެމިހުންނެވުމުގެ ގޮތުން ބީޔާ ވަނީ 2008ވަނަ އަހަރު އެ ޤައުމުގެ ޤާނޫނުއަސާސީ އިސްލާޙު ކުރައްވާފައެވެ. އަދި، ވެރިކަމުގެ ދައުރުގެ އަދަދު އުވައިލައްވާފައެވެ. 2018ވަނަ އަހަރު ބޭއްވި އިންތިޚާބުގައި އޭނާ ކުރި ހޯއްދަވާފައި ވަނީ ވޯޓުލީ މީހުންގެ %71.28 މީހުންގެ ތާޢީދާ އެކުގައެވެ. ނަމަވެސް، އެ އިންތިޚާބުގެ ނަތީޖާގެ ސައްޙަކަމާ މެދު އިދިކޮޅު ޕާޓީތަކުން ވަނީ ސުވާލު އުފައްދާފައެވެ.
ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ އިސްތިޢުމާރީ އަތްދަށުން ކެމަރޫނަށް މިނިވަން ކަން ލިބުނީ 1960ގެ އަހަރުތަކުގެ ތެރޭގައެވެ. އޭގެ ފަހުން އެ ޤައުމުގެ ރައީސް ކަމުގެ މަޤާމު ފުރުއްވާފައި ވަނީ އެންމެ ދެ ބޭފުޅެކެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ބީޔާގެ ޞިއްޙީ ހާލަތާ ގުޅިގެން ވެރިކަމުގެ ބާރުތައް ދޫކުރައްވަން ޖެހިވަޑައިގަންނަވައިފި ނަމަ، އެ ޤައުމަށް އައު ރައީސަކު އިންތިޚާބު ކުރުމަކީ ދަތި އަދި ހައިޖާނު ބޮޑު މަސައްކަތަކަށް ވެގެންދާނެ ކަމުގައެވެ.
ކުރިއަށް އޮތް އިންތިޚާބުގައި ބީޔާއާ ވާދަ ކުރައްވާނެ ކަން އިޢުލާނު ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި 2018ވަނަ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންނެވި ކެމަރޫން ރިނޭސޯންސް މޫވްމަންޓްގެ ކެނޑިޑޭޓު، މޯރިސް ކަމްޓޯއާއި، ސޯޝަލް ޑިމޮކްރެޓިކް ފްރަންޓްގެ ކެނޑިޑޭޓު، ޖޯޝުއާ އޯސިހް އަދި ޤާނޫނީ ވަކީލުން ކަމުގައިވާ އާކޭރޭ މޫނާއާއި ކަބްރާލް ލީބީ ހިމެނެއެވެ. އޭގެ ތެރެއިން މޫނާއާއި ލީބީއަކީ ކެމަރޫން ޕާޓީ ފޯ ނޭޝަނަލް ރިކޮންސިލިއޭޝަންގެ މެންބަރުންނެވެ.