ސިޔާސީ

ޖަލުގެ ގޮޅިތައް ބަލަހައްޓަން އޮފިސަރުން ދެކޮޅު ހަދަނީ


މާފުށީ ޖަލު ބަލަހައްޓާ އޮފިސަރުން ޖަލުގެ ގޮޅިތަކަށް ވަނުމަށާއި، ޤައިދީން މާލެގަނައުމަށް ދެކޮޅު ހަދަން ފަށައިފިއެވެ. މާފުށީ ޖަލު ބަލަހައްޓާ އޮފިސަރުންތަކެއް ހަ ޤައިދީއަކަށް އަނިޔާކޮށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުން މާފުށީ ޖަލުގެ ހާލަތު ގޯސްްވެފައިވާކަމަށް ކަރެކްޝަނަލް ސާރވިސްއިން ބުނެފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ކުށުގެ ތުހުމަތުގައި ރިމާންޑް ޖަލުގައި ބަންދުކޮށްފައިވާ މީހުން ތިބި 4 ނަންބަރުޔުނިޓްގައެވެ. ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ބައެއް ޤައިދީންގެ ގައިގެ އެކިތަންތަން މަށައިގެން ދިއުމާ ނޫފައިގެން ގޮސްފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވެފައިވެއެވެ. އެ ހާދިސާ ހިނގީ ޖަލު ބަލަހައްޓާ އޮފިސަރެއް ކައިރީ ޖަލަށް ވެއްދުން މަނާއެއްޗެއް ގެނެސްދިނުމަށް ޤައިދީ އެދުމުން އެކަން ޖަލުގެ އޮފިސަރު ނުކޮށްދިނުމުންކަމަށް މުނާޒް ވިދާޅުވެފައިވެއެވެ.

މިހާދިސާ އިތުރަށް ގޯސްވީ އެ މައްސަލަ ކޮންޓްރޯލްކުރަންދިޔަ އޮފިސަރުން ހަމަޖެހިފައިވާ ޤަވާއިދާއި ޚިލާފަށް ޢަމަލުކޮށްފައިވާތީކަމަށްވެސް މުނާޒް ވިދާޅުވިއެވެ.

ޕީއެސްްއެމް ނިއުސްއާއި ވާހަކަ ދެއްކި މާފުށީ ޖަލުގެ އޮފިސަރަކު ބުނީ، ޖަލުގެ ހަތަރު ނަންބަރު ޔުނިޓަށް އޮފިސަރުން ވަނުމަށް ދެކޮޅު ހަދަމުންދާކަމަށާއި، އެކި ބޭނުންތަކަށް ޤައިދީން މާލެ ގެނައުމަށްވެސް އޮފިސަރުން ދެކޮޅު ހަދަމުންއަންނަކަމަށެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ޤައިދީން ވަނީ ޖަލުގެ އެކި ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާތަކަށްވެސް ގެއްލުންދީފައެވެ. މިކަމާއި ގުޅިގެން ޖަލުގެ އޮފިސަރުން އެ ޔުނިޓަށް ނުދިއުމަށް ނިންމާފައިވަނީ އޮފިސަރުންނަށް އެއްވެސް ރައްކާތެރިކަމެއް ކަށަވަރުވެފައި ނުވާތީކަމަށް އޮފިސަރުން ބުނެއެވެ. ޢަދި ޔުނިޓް 4 ގައި ތިބި ގައިދީން ޖަލު އޮފިސަރުންނާއި ދިމާލަށް އެކި އެއްޗެތި އުކަމުންދާކަމަށްވެސް ވެއެވެ

މީގެ އިތުރުން މާފުށީ މަގެއްމަތިން ޖަލުގެ އޮފިސަރަކަށް ބަޔަކު ހަމަލާދީފައިވާކަމަށްވެސް އެ އޮފިސަރު ބުނެއެވެ ޖަލު އޮފިސަރުން ވަޒީފާއަށް ނުކުތްނަަމަވެސް ޔުނިޓް 4 ކަށް ވަނުމަށް ދެކޮޅު ހަދަމުންދާކަން އެނގިފައިވެއެވެ.

ކަރެކްޝަނަލް ސާރވިސް އިން ވަނީ ޖަލު އޮފިސަރުން ޑިއުޓީއަށް ނުނިކުމެ ހަޅުތާލުކުރާކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި ޖަލުގެ ޙަލަތު ޢާންމު ހާލަތަކަށް ގެނެވިފައިވާކަމަށްވެސް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވެފައެވެ.