ކުޅިވަރު

ސާރފިން ޓްރަޔަލްސް 2019ގެ ޗެމްޕިއަންކަން އިސްމާއިލް ރަޝީދު ހޯދައިފި


ސާރފިން އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ ޓްރަޔަލްސް 2019ގެ ޗެމްޕިއަންކަން ޒުވާން ރާޅާ އެޅުންތެރިޔާ އިސްމާއިލް ރަޝީދު ހޯދައިފިއެވެ.

އިއްޔެ ކުރިއަށްދިޔަ މުބާރާތުގެ ފައިނަލް ހީޓުގައި އިސްމާއިލް ރަޝީދާއިއެކު ވާދަކޮށްފައިވަނީ ހަސަން ނާސިހު(ޗިކާ)، އަހުމަދު އާގިލް އަދި މަޝްހޫރު ރާޅާ އެޅުންތެރިޔާ ހުސައިން އަރީފް (އިބޫ)އެވެ. އިސްމާއިލް ރަޝީދު ޗެމްޕިއަންކަން ހޯދިއިރު، އޭނާއާއި އެންމެ ގާތުން ވާދަކުރީ ތަޖުރިބާކާރު އަދި މަޝްހޫރު ރާޅާ އެޅުންތެރިޔާ ހުސައިން އަރީފްއެވެ.

ފައިނަލްގައި ވާދަކުރި ހަތަރު ރާޅާ އެޅުންތެރިންނަށްވެސްވަނީ ޤައުމީ ސާރފިންގ ޓީމުން ފުރުސަތު ލިބިފައިއެވެ. އަދި މިއަހަރު ކުރިއަށް ހުރި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރާނީ މި ހަތަރު ރާޅާ އެޅުންތެރިންކަން ފާހަގަކޮށްލަންޖެހެއެވެ.

މިއަހަރުގެ ފުރަތަމަ މުބާރާތްކަމަށްވާ ސީޒަން އޯޕަނިންގ މުބާރާތް އިބޫ ކާމިޔާބުކުރިއިރު، އިސްމާއިލް ރަޝީދަށް ލިބުނީ ތިންވަނަ. ޓްރަޔަލްސް 2019އަކީ އިސްމާއިލް ރަޝީދު ރާޅާ އެޅުމުގެ ޤައުމީ ފެންވަރުގެ މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ފަހަރުއެވެ.