ޚަބަރު

ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް އިފްތިތާޙް ކޮށްދެއްވައިފި


ހދ. ނޮޅިވަރަންފަރު ތަރައްޤީ ކުރުމަށްޓަކައި ގެންގުޅޭ ޕްލޭނުގެ ޢަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ހުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ހދ. ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް އިފްތިތާޙްކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވީ މިސަރުކާރަކީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދޭނެ ސަރުކާރެއް ކަމަށެވެ. އެގޮތުން ހދ ނޮޅިވަރަންފަރު ތަރައްޤީކުރުމަށް ގެންގުޅޭ ވަށާޖެހޭ ތަރައްޤީގެ ޕްލޭންގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މަސައްކަތުގެ ދަށުން އަންނަ އޮގަސްޓްމަހު އެ ރަށަށް 500 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ގެނައުމަށް ނިންމާފައިވާއިރު، ޕީކް ގަޑިތަކުގައި 70 އިންސައްތަ އަވިން ކަރަންޓު އުފެއްދުމުގެ ޕްރޮޖެކްޓްވެސް ފެށިގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ހައްލު ހޯދައިދޭން. އެކަމު މިހާރު ގިނަ މަސައްކަތް މިކުރަންޖެހެނީ މުޅިން އަލުން ފަށައިގެން. މިސަރުކާރުން ހދ. ނޮޅިވަރންފަރުގައި މިގެންގުޅެނީ ވަށާޖެހޭ ތަރައްޤީގެ ޕްލޭންގެ އަމަލީ މަސައްކަތް. މިކަން ވަރަށް އަވަހަށް ފެށޭނެ." މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ.

ހދ. ނޮޅިވަރަންފަރު ކަރަންޓުގެ މައްސަލައިގެ އިތުރުން އެ ރަށުގެ ކުންޏާއި، ނަރުދަމާގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވާދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

ގްރީން ކްލައިމެޓް ފަންޑުން 31 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓަކީ، ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއާ ލިމިޓެޑުން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. އެގޮތުން މި ޕްރޮޖެކްޓްގެ ދަށުން 350 ކިއުބިކް މީޓަރުގެ ފެންރައްކާ ކުރެވޭނެ ނިޒާމެއް ޤާއިމުކުރާއިރު، މި ޕްރޮޖެކްޓް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމުމަށްވަނީ ކޮންޓްރެކްޓް ކޮށްފައެވެ.