ޢިލްމު އުނގެނޭއިރު ދަރިވަރުން ސަމާލުކަން ދޭންޖެހޭނީ ޢަދުލުވެރިކަމާއި އިންޞާފުގެ އުޞޫލުތައް ނެގެހެއްޓުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ދެހާސް އަށާރަވަނަު ޖީ.ސީ.އީ އޭ-ލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާގެ އެވޯޑާއި، ހައި އެޗީވަރސް ސޮކްލަރޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ޢިލްމު އުނގެނުމުގައި ރިވެހި އަޚްލާގު ދެމެހެއްޓުމަކީވެސް މުހިއްމު ކަމެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ޤައުމީ ތަރައްޤީގައި ސަރުކާރުން ގެންގުޅުއްވާ އެންމެ އިސް ސިޔާސަތަކީ، މީހުން ބިނާކުރުންކަމަށެވެ.
މަތީ ތަޢުލީމުގެ މަރުޙަލާއާ ކުރިމަތިލާ ކޮންމެ ދަރިވަރަކަށް، މީގެ ކުރިން ނެތް އެތައް ފުރުޞަތެއް، މި ސަރުކާރުން ތަނަވަސްކޮށްދީފައިވާކަން ފާހަގަކުރައްވަމުން ރައީސް ޞާލީހް ވަނީ ސަރުކާރުން ރާއްޖޭގައި ތިބެގެން، ހިލޭ ފުރަތަމަ ޑިގްރީ ޙާޞިލު ކުރެވޭނެގޮތް ހަމަޖެއްސުމާއި ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް، ތިން އިންސައްތައަށް ކުޑަކޮށް، ލޯނު ދައްކަންޖެހޭ މުއްދަތު 25 އިންސައްތައަށް އިތުރުކުރެއްވިކަން ފާހަގަކުރައްވާފައެވެ.
ރައިސް ވިދާޅުވީ ތަޢުލީމީ ދާއިރާއަށް ސަރުކާރުން އެފަދަ ބަދަލުތައް ގެންނަނީ ހަމައެކަނި އިންތިޚާބީ ވަޢުދުތަކެއް ފުއްދުމަށް ނޫންކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އަމާޒަކީ ރާއްޖެ ތަރައްޤީ ކުރުން ކަމަށާއި ޤައުމު ތަރައްޤީ ވާނީ، ޤައުމުގެ ވަކިވަކި ފަރުދުންނަށް ލިބޭ ކުރިއެރުންތަކުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއެރުމާއި ތަރައްޤީ ޙާޞިލުކުރެވޭ ވަރަށް، ކޮންމެ ފަރުދެއްގެ ޢިލްމީ ޤާބިލުކަން އިތުރުކުރަން ސަރުކާރުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ތިޔަ ދަރިވަރުންގެ ޢިލްމީ ޤާބިލުކަމުން، ސިކުނޑިތައް ހުޅުވިގެންދާއިރު، ޙާޞިލުވާންޖެހޭނެ އެންމެ މުހިންމުކަމަކީ، ކޮންމެ ކަމެއްގެވެސް އެންމެ ރަނގަޅު ގޮތް ވަކިކޮށް ދެނެގަންނަން އެނގުން. ޢިލްމު އުނގެނުމުގެ އެންމެ މުހިންމު މަޤްޞަދެއް ކަމުގައި ހަދަންވީ، ކޮންމެ ކަމެއްގައިމެ، ޢަދުލުވެރިކަމާއި އިންޞާފުގެ އުޞޫލުތައް ނެގެހެއްޓުމާއެކު، ރިވެތި އަޚްލާޤީ ހަމަތައް ހިފެހެއްޓުން" ރައީސް ޞާލިޙް ވިދާޅުވިއެވެ.
ތަޢުލީމީ ކޮންމެ މަރުޙަލާއެއްގައިވެސް، ދިވެހި ކޮންމެ ދަރިވަރެއްގެވެސް އެންމެ ވަރުގަދަ ޢަޒުމަކަށް ވާންވާނީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުކަމާއެކު ދެމިތިބުމަށް ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ތަޢުލީމު ޙާޞިލުކުރުމަށް، ދުނިޔޭގެ ކޮންމެ ޤައުމަކަށް ދިޔަނަމަވެސް ދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރިންކަން، އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރައީސް ޞާލީހް ވިދާޅުވީ ޔުނިވަރސިޓީގައި ކިޔަވާ ކިޔެވުމުގެ އިތުރަށް ކަންކަން ކުރާނެ ރަނގަޅު، މޮޅު ގޮތްތައް ދެނެގަނެ، އެކަމުގެ ހުނަރު ދަރިވަރުން ލިބިގަތުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ކޮންމެ ދާއިރާއަކުން މަތީ ތަޢުލީމް ޙާޞިލުކުރި ނަމަވެސް ޤައުމަށް ޚިދުމަތް ކުރުމަކީ، ކޮންމެ ދަރިވަރެއްގެވެސް އެންމެ އިސް ވާޖިބު ކަމަށް ހެދުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
"ތިޔައިގެ ތެރެއިން ހަމަ ކޮންމެ ދަރިޔަކީ، މި ޤައުމަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާ ކުއްޖެއް. އަންނާން އޮތް ޖީލަށް މި ޤައުމު ގެންގޮސްދޭނެ ބަޔަކީ ހަމަ ތިޔަ ދަރިވަރުން. އެހެންކަމުން، ތިޔަ ދަރިވަރުންނަކީ، ޤައުމަށް ބޭނުންތެރި، އަދި ދިވެހި އުންމަތް، އެ ބަޔަކަށްޓަކައި ފަޚުރުވެރިވާފަދަ ދަރީންތަކަކަށްވުމަކީ، ތިޔަ ކުދީންނާމެދު މި ޤައުމު ކުރާ އެންމެ ބޮޑު އުންމީދު. މަތީ ތަޢުލީމުގެ މަރުޙަލާގައި، ތިޔަ ދަރިވަރުން އުނގެނޭ ކޮންމެ އަކުރަކީ، ޤައުމު ބިނާކުރުމަށްޓަކައި ކުރެވޭ ވަރަށް އަގުބޮޑު އިންވެސްޓެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ" ރައީސް ޞާލިޙް ވިދާޅުވިއެވެ.
ސަރުކާރުންދޭ ސްކޮލަރޝިޕްގެ ޙަޤީޤީ މަޤްޞަދު ޙާޞިލުވެގެންދާނީ، އޭގެ ބޭނުން ހިފާ ދަރިވަރުންނަކީ ޤާބިލް، ހުނަރުވެރި އަދި ޤައުމު އާރާސްތު ކުރުމުގައި މުހިންމު ރޯލެއް ކުޅެވޭނެ ބަޔަކަށް ވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
2018 ވަނަ އަހަރު ޖީ.ސީ.އީ އޭ-ލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 4 ދަރިވަރަކު ރައީސުލްޖުމްހޫރިއްޔާގެ އެވޯޑް ހާސިލްކުރިއިރު، ހައި އެޗީވަރސް ސޮކްލަރޝިޕް ލިބުނުކަމުގެ ލިޔުން މިރަސްމިއްޔާތުގައި 46 ދަރިވަރަކަށްވަނީ ދެއްވާފައެވެ.