ވިޔަފާރި

އިޓަލީގެ ބްލޫ ޕެނެރޯމާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި


އިޓަލީގެ ބްލޫ ޕެނެރޯމާ އެއަރލައިންސްއިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

ބްލޫ ޕެނޮރޯމާގެ ފުރަތަމަފްލައިޓް ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނު ޕޮލެންޑުންނެވެ. މިއީ ޕޮލެންޑުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ. މި ފްލައިޓުން 264 ފަސިންޖަރުން ރާއްޖެ އައިސްފައިވެއެވެ.

ބްލޫ ޕެނެރޯމާގެ ފްލައިޓަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްއާއި، އެމްއެމްޕީއާރުސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

ބްލޫ ޕެނެރޯމާގެ ދަތުރުތަކާއި ބެހޭގޮތުން ސަން އޯޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ރަޝީދު ވިދާޅުވީ މިއީ ބްލޫ ޕެނެރޯމާގެ ދަތުރުތައް ރާއްޖެއަށް ދެވަނަ ފަހަރުކަމަށެވެ. އެހެންކަމުން އަލުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ދަތިތަކެއް ކުރިމަތިވިކަމަށް އޭނާ ވިދާޅުވިއެވެ. ރަޝީދު ވިދާޅުވީ ބްލޫ ޕެނެރޯމާގެ ދަތުރުތައް މިވަގުތު ޕޮލެންޑްއިން ފެށިކަމުގައިވީނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު މަންޒިލްތަކުން ރާއްޖެއަށް ފްލައިޓް އޮޕަރޭޓްކުރަން އެކުންފުނިން ރާވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި ޗާރޓާޑް ފްލައިޓް ރާއްޖެއަށް ގެނައުމަށް ފުދޭވަރެއްގެ ދަތިތަކަކާއި ކުރިމަތިވި. މިކަމެއް ނުވާނެ އަޅުގަނޑުމެންގެ އެކްސްކުލޫސިވް ޓުއަރ އޮޕަރޭޓަރ އިޓާކާ އަޅުގަނޑުމެންނަށް އެއްބާރުލުން ނުދިންނަމަ. ވަރަށް ކުރުމުއްދަތެއްގެ ތެރޭގައި އިޓާކާ ވަނީ ޗާރޓަރ ފްލައިޓް ކާމިޔާބުކޮށްފައި" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞޯލިޙް ވިދާޅުވީ ރާއްޖެއަށް އަނެއްކާވެސް އިތުރު އެއަރލައިނަކުން ދަތުރުތައް ފެށުމަކީ އެއަރޕޯޓަށް ލިބުނު ކުރިއެރުމެއްކަމަށެވެ. އަދި ޕޮލެންޑްއިން ފެށި މިދަތުރުތަކާއެކު ރާއްޖެއަށް އިތުރު ޓުއަރިސްޓުން ގެނައުމަށް މަގުފަހިވެގެންދާނެކަމަށް މޫސާ ޞޯލިޙް ވިދާޅުވިއެވެ.

ބްލޫ ޕެނެރޯމާއިން މީގެ ކުރިން ވެސް ރާއްޖެއަށް ދަތުރުތައް ފަށާފައިވެއެވެ. ނަމަވެސް އަހަރުތަކުގެ ހުއްޓުމަކަށް ފަހު ރާއްޖެއަށް އަނެއްކާވެސް ދަތުރުތައް ފަށާފައިވާއިރު އަންނަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ހަފްތާއަކު އެއްފަހަރު މިއެއަރލައިނުން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތައް ބާއްވާނެކަމަށް ސަން އޯޝަންސްއިން މަޢުލޫމާތުދެއެވެ.

ބަޖެޓް އެއަރލައިނެއްކަމަށްވާ ބުލޫ ޕެނެރޯމާއަކީ 1998 ވަނަ އަހަރުން ފެށިގެން ޚިދުމަތްދެމުން އަންނަ އެއަރލައިނެކެވެ. 34 މަންޒިލަކަށް އެއަރލައިނުން ދަތުރުކުރާއިރު، 16 އެއަރކްރާފްޓެއް އޮޕަރޭޓްކުރެއެވެ.