ޚަބަރު

ބަނދަރު ހެދުމުގެ 45 މަޝްރޫޢު، މިހާތަނަށް 10ރަށުގެ މަސައްކަތްވަނީ ފަށާފައި


ބަނދަރު ތަރައްޤީކުރުމުގެ އިތުރު 35 މަޝްރޫޢުއެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

2019ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި ބަނދަރު ހެދުމުގެ މަސައްކަތްތަކާއި ގުޅުންހުރި 45 މަޝްރޫޢުއެއް ހިމަނާފައިވެއެވެ. އަދި މިއަހަރުގެ މިހާތަނަށް ބަނދަރު ހެދުމުގެ 10 މަޝްރޫޢުއެއް ސަރުކަރުންވަނީ ފަށާފައެވެ. ބަނދަރު ހެދުމުގެ މަޝްރޫޢުތަކުގެ ތެރޭގައި، އަލަށް ބަނދަރު ހަދާ ރަށްތަކާއި، ބަނދަރުގެ ފެންވަރު ރަނގަޅުކުރުމާއި، ހަލާކުވެފައި ހުންނަ ބަނދަރުގެ ބައިތައް އަލުން މަރާމާތުކުރުމާއި، ބަނދަރު ބޮޑުކުރުމާއި، ބަނދަރުގެ ބޭރު ތޮށިލުންފަދަ މަސައްކަތްތައްވެސް ހިމެނެއެވެ.

މިއަހަރުގެ ބަޖެޓުގައި ހިމަނައިގެން އަލަށް ފެށި މަޝްރޫޢުތަކުގެ ތެރޭގައި އއ.ހިމަންދޫ، ހއ.މޮޅަދޫ، ނ.ހެނބަދޫ، ތ.އޮމަދޫ، ށ.ނޫމަރާ، ދ ރިނބިދޫ، ސ.މަރަދޫ-ފޭދޫ ބަނދަރުގެ މަސައްކަތް ހިމެނެއެވެ.

މިއަހަރުގެ މިހާތަނަށް ފަށާފައިވާ ބަނދަރު ހެދުމުގެ 10 މަޝްރޫއަށް ދަޢުލަތުގެ ބަޖެޓުން 206 މިލިއަނަށްވުރެ ގިނަރުފިޔާ ޚަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ.

މިއަހަރަށް ކަނޑައަޅާފައިވާ ބަނދަރު މަޝްރޫޢުގެ ތެރެއިން 35ރަށުގެ މަސައްކަތް އަދި ފަށާފައެއް ނުވެއެވެ. މީގެތެރެއިން މުޅިން އާ ބަނދަރެއް އެޅުމަށް ހަމަޖެހިފައިވަނީ ރ.މަޑުއްވަރީގައެވެ. މި މަޝްރޫޢުއަކީ 15މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. އަދި ވ.ރަކީދޫގައި ޓީ ޖެޓީއެއް ހެދުމަށްވެސް ބަޖެޓުގައިވަނީ ހިމަނާފައެވެ. މި މަޝްރޫޢުގެ އަގަކީ 13 މިލިއަން ރުފިޔާއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެފައިވަނީ މަސައްކަތް ނުފަށައި ހުރި މަޝްރޫޢުތަކުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ބިޑަށް ހުޅުވާލުމާއި، އަދި ބިޑްކޮށް ނިމިފައިވާ މަސައްކަތްތައް، ކުންފުނިތަކާއެކު އެގްރިމެންޓް ހެދުމުގެ މަސައްކަތްކަތްތައް މިނިސްޓްރީއިން ގެންދަނީ ކުރަމުންނެވެ.

ރަށަށް އަރާ ފޭބުމުގެ އިތުރުން، އޮޑިދޯނިފަހަރު ރައްކާތެރިކަމާއެކު ބޭއްވުމަށްވެސް ބަނދަރު މުހިންމެވެ. ބަނދަރު ހެދުމުގެ އެކި މަޝްރުޢޫތަކަށް މިއަހަރުގެ ބަޖެޓުގައި 473 މިލިއަަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައިވެއެވެ.