ސިޔާސީ

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ފާސްކޮށްފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފަސްކޮށްފިއެވެ. މިބިލް ފާސްކޮށްފައިވަނީ 67 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓުދެއްވާފައެއް ނުވެއެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް އަލުން އެޖެންޑާކޮށް ފާސްކޮށްފައި މިވަނީ، ނިމިދޔަ އަށާރަވަ ރައްޔިތުންގެ މަޖިލީހުގައި އެބިލް ތިންފަހަރެއްގެ މަތިން ފާސްކުރުމަށް އެޖެންޑާކޮށް ފާސްކުރެވޭވަރަށް މަޖިލީހުގެ އަޣްލަބިއްޔަތު ނުލިބުމުން އެޖެންޑާއިން ނަގާފައި އޮތުމަށްފަހުއެވެ. މިކަމާ ގުޅިގެން އެތައްބައެއްގެ ފާޑުކިއުން އެ މަޖިލީހަށް އަމާޒުވިއެވެ. އަދި ސަރުކާރުންވެސް ވަނީ އެ ބިލް މަޖިލީހުން ފާސްނުކޮށް އޮތުމުން ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށާއި، ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް ރައީސް ވަނީ ރިޔާސީ ދެ ކޮމިޝަން އެކުލަވާލައްވާފައެވެ. އަދި އެދެކޮމިޝަނަށް ޤާނޫނީ ބާރު ދިނުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ. މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަނުން މަރުގެ ބޮޑެތި މައްސަލަތައް ބަލައި އެމައްސަލަތަކުގެ "މޯޓިވް"އާ ހަމައަށް ދެވިފައިވާކަމަށާއި، ބައެއް މައްސަލަތައް ތަޙްޤީޤްކޮށް ނިމިފައި ވީނަމަވެސް އެކޮމިޝަނަށް ޤާނޫނީ ބާރު ލިބިފައިނުވާތީ ޕީޖީ އޮފީހަށް ދައުވާކުރުމަށް ނުފޮނުވިފައިވާކަމަށް ރިޔާސީ ކޮމިޝަނުންގެ ރައީސް ހުސްނުއް ސުޢޫދު ވިދާޅުވެފައިވެއެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލީހުން ފާސްކުރެއްވިއިރު އެބިލަށް ވަނީ ތަޅުމުން ބައެއް އިޞްލާޙުތައް ގެންނަވާފައެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުން ލިބިދޭ ބާރުތައް ރިޔާސީ ކޮމިޝަންތަކަށް ދޭންވާނީ އެ ބާރުތައް އެންމެ ފުރިހަމައަށް ބޭނުންކުރެވޭގޮތަށް، އެ އިޚްތިޔާރުތަކާއެކު ކަމަށް ވިދާޅުވެ ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ވަނީ އިޞްލާޙެއް ހުށައަޅާފައެވެ. އެގޮތުން ރިޔާސީ ކޮމިޝަންތައް ރައީސުލްޖުމްހޫރިއްޔާ އުވާލައްވާނަމަ، އުވާލާއިރު އެފަދަ ކޮމިޝަންތަކުން ހޯދާފައިވާ ތަޙްޤީޤީ މައުލޫމާތުތަކާއި، ހެއްކާއި، ނަގާފައިވާ ހެކިބަސް އެއީ ސައްޙަ ތަކެތީގެ ގޮތުގައި ކަމާއި ގުޅުންހުރި ތަޙްޤީޤީ އިދާރާތަކަށް ފޯރުކޮށްދޭންޖެހޭގޮތަށްވެސް އިސްލާޙްހު ގެނެސްފައިވެއެވެ.

ފުރަތަމަ ބިލް ހުށައެޅުއްވި އިރު ގިނަ ބާރުތަކެއް އެ ކޮމިޝަނަށް ދޭން ކަނޑައަޅާފައިވެއެވެ. އެގޮތުން ބިލްގައި ހިމަނާފައިވާ މުހިންމު ކަންކަމުގެ ތެރޭގައި ޕީޖީ އޮފީހަށް ފޮނުވާތާ 15 ދުވަހުގެ ތެރޭގައި ދައުވާކުރުމަށް ގޮތެއް ނިންމާ ޝަރީޢަތަށް ފޮނުވަން ޖެހޭނެކަމަށާއި، މައްސަލައެއް ޝަރީއަށް ފޮނުވާތާ 60 ދުވަހުގެ ތެރޭގައި ފުރަތަމަ މަރުހަލާ ނިންމާ، ހައިކޯޓަށް އިސްތިއުނާފަށް ހުށައަޅައިފިނަމަ 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް މި ބާރުތަ އަށާރަވަ ރައްޔިތުންގެ މަޖިލީހުން މި ބިލް ދިރާސާކުރެއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓިން ވަނީ ނަގާފައެވެ.

އަދި ޝަރީއަތްކޮށް ތަޙުޤީޤުކުރުމަށް ޚާއްޞަ އޮފީހެއް ޕްރޮސެކިއުޓަރ ޖެނެލްގެ އޮފީހާއި ވަކިން ޤާއިމްކޮށް އެސިސްޓަންޓް ޕްރޮސެކިއުޓަރ ޖެނެރަލްގެ ދަށުން ހިންގާ ޚާއްޞަ ޑިޕާޓްމަންޓެއް ޕީޖީ އެކުލަވާލަން ޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވާ މާއްދާވެސް ނިމިދޔަ މަޖިލީހުން އުވާލާފައިވެއެވެ.