ދީން

ޕެންޝަން ސްކީމުން ފަރުޟު ޙައްޖުވުމަށް ފައިސާ ދޫކުރާ ފޯމް ހައްޖު ކޯރޕަރޭޝަނަށް ހުށަހަޅަންޖެހޭގޮތަށް ހަމަޖައްސައިފި


މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރިން ފަރުޟު ޙައްޖުވުމަށް ފައިސާ ދޫކުރާ ފޯމް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހަޅަންޖެހޭގޮތަށް ހަމަޖައްސައިފިއެވެ.

ޕެންޝަން ސްކީމުގެ ބައިވެރިން ފަރުޟު ޙައްޖުވުމަށް ފައިސާ ދޫކުރާ ފޯމު ޙައްޖު ކޯރޕަރޭޝަނަށް ހުށަހަޅާފައިވަނީ ޕެންޝަން އޮފީހާއި ޙައްޖު ކޯރޕަރޭޝަނާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. ޕެންޝަން އޮފީހުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޙުސައިން މަނިކު އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ޙަމީދުއެވެ.
މި އެއްބަސްވުމުގެ ދަށުން ޝަރުޠު ހަމަވާ ބައިވެރިންގެ ފައިސާ، ޕެންޝަން އޮފީހުން ދޫކުރާނީ ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް، އަމިއްލަ ގޮތުން ޙައްޖަށް ދިއުމަށް ދައްކަންޖެހޭ އަގުގެ %50 ދައްކާފައިވާ ބައިވެރިއެއްގެ ޖާގަ ރިޒާވް ކުރުމަށް އެ ބައިވެރިއެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ބޭނުންކުރުމުގެ ފުރުޞަތުވެސް މި އެއްބަސްވުމުގެ ދަށުން ވަނީ ހުޅުވާލާފައެވެ.

ޙައްޖުވުމަށް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ފަރުޟު ޙައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ ފަރާތްތަކުގެ ތެރެއިން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ބެލެންސްގައި މަދުވެގެން ތިންސަތޭކަ ތިރީސް ހަހާސް ރުފިޔާ ޖަމާކުރެވިފައިވާ ފަރާތްތަކަށެވެ. އަދި ޙައްޖުވުމަށް ޕެންޝަން ސްކީމުގެ މެންބަރުންނަށް ބޭނުންކުރެވެން ހުރި އަދަދު، އެ މެންބަރެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ސްޓޭޓްމަންޓުންނާއި ޕެންޝަން އޮފީހުގެ މޯބައިލް އެޕްލިކޭޝަނުން ބެލޭނެ އިންތިޒާމު ޕެންޝަން އޮފީހުން ވަނީ ހަމަޖައްސާފައެވެ.

ފަރުޟު ހައްޖުވުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭނެގޮތް ހަމަޖައްސައިދެއްވުމަކީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ މަސައްކަތު 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.