ވިޔަފާރި

ދައުލަތަށް ޓެކްސް ނުދައްކާ 13 ފަރާތެއްގެ އެކައުންޓް ފްރީޒް ކޮށްފި


މިއަހަރުގެ ފުރަތަމަ ތިންމަސްދުވަހުގެ ތެރޭގައި ދަޢުލަތައް ޓެކްސް ނުދައްކާ 13 ފަރާތެއްގެ އެކައުންޓް ފްރީޒްކޮށް އެކެއް ޕޮއިންޓް އެކެއް މިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ - މީރާއިން ހާމަކޮށްފިއެވެ.ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުގެ ތެރެއިން ނުދައްކާ ތިބި ފަރާތްތަކާ މެދު ފިޔަވަޅު އަޅައިގެން 3.9 މިލިއަން ރުފިޔާ މީރާއިން ހޯދި އިރު، ޓެކްސް ނުދައްކާ ގިނަ ދުވަސްވެފައި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން 66.3 މިލިއަން ރުފިޔާ މީރާ އިން ލިބިފައިވާކަމަށް އެ އޮތޯރިޓީންވަނީ ހާމަކޮށްފައެވެ.ފައިސާ ނުދައްކައިގެން 13  އެކައުންޓެއް ފްރީޒްކޮށްފައިވާއިރު މަޝްވަރާ ކުރުމަށްފަހު ބަހާލައިގެން ފައިސާ ދެއްކުމަށް 38 ފަރާތަކަށް ފުރުސަތު ދީފައިވާކަމަށްވެސް މީރާއިން މައުލޫމާތުދެއެވެ.ޓެކްސްގެ ބަޔާން ހުށަނާޅާ 390 ފަރާތެއް ތިބި އިރު 454 ފަރާތަކުން އެއްވެސް ވަރަކަށް ޓެކްސް ފައިސާ ނުދައްކާ އެބަ ތިބި ކަމަށްވެސް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.މީރާއިން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޓެކްސްގެ ގޮތުގައި ނުލިބި ހުރި ފައިސާގެ ތެރެއިން 289.1 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.