ކުޅިވަރު

އަސްއަދު އަަށް އަނިޔާވެ 2 މަސް ދުވަހަށް ކުޅުމާއި ދުރަށް


ގްރީން ސްޓްރީޓްސްގެ ކެޕްޓަން އައްސަދު އަލީ ދެ މަސް ދުވަހަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ. މިކަން އައްސަދުވެސް ވަނީ ޔަގީންކޮށްދީފައެވެ.

މިދިޔަ އާދިއްތަ ދުވަހު ގްރީން ސްޓްރީޓްސްގެ ފަރިތަކުރުންތަކުގައި އައްސަދުގެ ކަކުލަށް އަނިޔާވެފައިވަނީ މަތިން އައި ބޯޅައެއްގައި ބޮލުން ޖެހުމަށްފަހު، އޮފް ބެލެންސްވެގެން ވެއްޓުނު ގޮތަކުންނެވެ. އައްސަދު ބުނީ މިހާރު ޑޮކްޓަރަށް ދައްކާފައިވާކަމަށާއި ކަކުލުގައި ރެނދެއް ލާފައިވާކަމަށް ޑޮކްޓަރު ބުނެފައިވާކަމަށެވެ. ނަމަވެސް އަނިޔާގެ ސީރިއަސްކަން އެނގޭނީ އެމް.އާރް.އައި ހެދުމަށްފަހުކަމަށްވެސް އައްސަދު ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ސުޒޭން ބުނީ މިއީ ކުލަބްއަށް ފޫނުބެއްދޭ ފެންވަރުގެ ގެއްލުމެއްކަމަށާއި، އައްސަދު ވަރުގެ އެހެން ކުޅުންތެރިއަކު މިރާއްޖޭގައިވެސް ނެތްކަމަށާއި އައްސަދަށް އަނިޔާވުމަކީ ކުލަބްއަށް ލިބިގެންދިޔަ ވަރަށް ބޮޑު ދެރައެއްކަމަށެވެ.

ސުޒޭން ބުނީ އައްސަދުގެ މަގާމަށް ކުޅުންތެރިއަކު އެރުވުމުގެ ބަދަލުގައި ކުޅުމުގެ ވައްޓަފާޅިއަށް ބަދަލެއް ގެނެސް އެތަން ފޫބެއްދޭތޯ މަސައްކަތް ކުރާނެކަމަށެވެ. އަދި ކުރިއަށް އޮތް މާޒިޔާ މެޗްއަށް މިހާރު ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާކަމަށް ސުޒޭން ބުންޏެވެ.

ގައުމީ ޓީމްގެ ކެޕްޓަންކަންވެސް ކޮށްފައިވާ އައްސަދު އަލީ (އަޑުބަރޭ) ގްރީން ސްޓްރީޓްސް އާއި ގުޅުނީ މިދިޔަ އަހަރެވެ.