ކުޅިވަރު

ޔޫތް ސެންޓަރުގެ ސެމިނަރ ރޫމް ނުލިބިގެން އިންޓަރ ސްކޫލް ކެރަމް މުބާރާތް ނުބޭއްވިފަ


އިންޓަރ ސްކޫލް ކެރަމް މުބާރާތް ބާއްވާނެތަނެއް ހޯދަން ކެރަމް އެސޯސިއޭޝަނުން މަސައްކަތް ފަށައިފިއެވެ.
އެސޯސިއޭޝަންގެ ގިނަ މުބާރާތްތަށް މިހާތަނަށް ބާއްވަމުން އައިސްފައިވަނީ ގަލޮޅު ދަނޑުގެ ސަހަރާއާއި ވީ ފަޅީގެ ސިޑިބަރީގެ ތިރީގައި ހުންނަ ކެރަމް އޮފީހުގައެވެ. ނަމަވެސް އެސިޑިބަރިއަކީ މިހާރު ބޭނުން ކުރެވޭ ވަރުގެ ތަނަކަށް ނުވުމުން، ޕްލޭނިންގް މިނިސްޓްރީގެ ލަފާއާއެކު ޔޫތް މިނިސްޓްރީއިން ވަނީ ސަހަރާއާއި ވީފަޅި ބޭނުން ކުރުން މަނާކޮށްފައެވެ. އިންޓަރ ސްކޫލް ކެރަމް މުބާރާތް ބޭއްވުމަށް ކެރަމް އެސޯސިއޭޝަންއިން މިފަހަރު އެންމެ ފުރަތަމަ ބަލާފައިވަނީ އެމް.ޓީ.ސީ.ސީގެ އާއިމާރާތުގެ ހޯލުތެރޭގައިއެވެ. ނަމަވެސް އެތަނުގެ ކަރަންޓް މަސައްލައެއް ދިމާވުމުން އެތަނުގައި މުބާރާތް ބޭއްވޭގޮތް ވަނީ ނުވެފައިއެވެ. ދެން ކެރަމް އެސޯސިއޭޝަނުން މަސައްކަތްކުރީ ސީއެޗްއެސްއީގެ ހޯލް މުބާރާތް ބޭއްވުމަށް ލިބޭތޯއެވެ. ނަމަވެސް އެސްކޫލްގެ ޓެސްތަކެއް ދިމާވުމުގެ ސަބަބުން އެހޯލް ލިބޭގޮތްވަނީ ނުވެފައެވެ.

އެއަށްފަހު އެސޯސިއޭޝަންއިން މަސައްކަތްކޮށްފައިވަނީ ޔޫތް ސެންޓަރުގެ ސެމީނާރ ރޫމް ހޯދުމަށެވެ. މިމަހުގެ 24ހުން 28އަށް ބޭއްވުމަށް ތާވަލްކޮށްފައިވާ އިންޓަރ ސްކޫލް ކެރަމް މުބާރާތް ބެއްވުމަށް ޔޫތް ސެންޓަރުގެ ވެރިންނާއި މަޝްވަރާ ކުރެވުނުކަމަށާއި ނަމަވެސް އެހާ ގިނަ ދުވަހަށް އެހޯލް ދޫކުރެވެން ނެތްކަމަށް އެފަރާތުން ބުނެފައިވާކަމަށް ކެރަމް އެސޯސިއޭޝަންގެ ނައިބް ރައީސް އިބްރާހިމް ލިފާޢު ބުނިއެވެ.

ޔޫތް ސެންޓަރ ހިންގުމާއި ހަވާލްވެގެން ހުންނެވި އަލީ ޒަކީ ބުނީ ޔޫތް ސެންޓަރުގެ ސެމީނާ ރޫމްއަކީ ޒުވާނުންނަށް ބައްވާ ވޯކްޝޮޕްތަކާއި ބައްދަލުވުންތައް ބާއްވަން އޮތްހަމައެކަނި ތަންކަމަށެވެ. އަދި 9 ދުވަހަށް މުބާރާތެއް ބޭއްވުމަށް ސެމިނާ ރޫމް ދޫކޮށްފިނަމަ، އެހެންކަންތައްތަކައް ވަރަށް ބޮޑަށް ބުރުއަރާނެކަމަށްވެސް އަލީ ޒަކީބުނިއެވެ. އަދި މިއީ އެއްވެސް ހާލެއްގައި ގައުމީ އެސޯސިއެޝަންގެ މުބާރާތެއް ބޭއްވުމަށް ސެމިނާ ރޫމް ނުދޭންވެގެން ކުރާކަމެއްނޫންކަމަށާއި އަބަދުވެސް ޔޫތް ސެންޓަރަކީ ކުޅިވަރު ކުރިއެރުމަށް މަސައްކަތް ކުރާ ތަނެއްކަމަށް. އަދި ކިރިޔާވެސް ސެމިނާ ރޫމް ދެވެން އޮތްނަމަ އެކަން ކޮށްދޭނެކަމަށްވެސް އަލީ ޒަކީ ވިދާޅުވިއެވެ.