ޚަބަރު

މިދިޔަ މަހު ރާއްޖެއިން ލަންކާއަށް ދިޔަ ދިވެހިންގެ އަދަދު ދަށަށް


މިއަހަރުގެ އޭޕްރިލްމަހު ލަންކާއަށް ދަތުރުކުރި ދިވެހިންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު %14 ދަށަށް ހިގަށްޖެއެވެ.ލަންކާގެ ޓޫރިޒަމް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި 5809 ދިވެއްސަކު އެގައުމަށް ދަތުރުކޮށްފައިވާއިރު  މިދިޔަ އަހަރުގެ އެމުއްދަތުގައި އެގައުމަށް ދަތުރުކޮށްފައިވަނީ 6860 ދިވެހިންނެވެ.ތަފާސް ހިސާބްތަކުން ދައްކާގޮތުން ހުސްވި މަހުގެ ނިޔަލަށް ލަންކާއަށް އެއްމެ ގިނައިން ދަތުރުކޮށްފައިވަނީ އިންޑިއާގެ ފަތުރުވެރިން، އަދި އެއްމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ ޗައިނާއިން އެގައުމަށް ދަތުރުކޮށްފައިވާ ފަތުރުވެރިންގެ އަދަދަކަށް ކަން ފާހަގަކޮށްލެވެއެވެ.އެގޮތުން މިއަހަރުގެ އޭޕްރީލްމަހުގެ ނިޔަލަށް ލަންކާއަށް ޗައިނާގެ 66925 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު މި އަދަދަކީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ ނިޔަލަށް އެގައުމުން ލަންކާއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާބަލާއިރު %81.8 އިތުރު އަދަދެއް ކަމަށް ތަފާސް ހިސާބްތަކުން ދައްކައެވެ.ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އެއް ގައުމަކީ ސްރީލަންކާ ކަމަށްވާއިރު މިދިޔަ އަހަރު ނިމުނު އިރު އެގައުމަށް ރާއްޖެއިން 86359 މީހުން ވަނީ ދަތުރުކޮށްފައެވެ.