ވިޔަފާރި

ޓެލެކޮމް އޭޝިއާ އެވޯޑްސް 2019ގެ ޚާއްސަ އެވޯޑެއް އުރީދޫއަށް ލިބިއްޖެ


ޓެލެކޮމް އޭޝިއާ އެވޯޑްސް 2019ގެ "މޯސްޓް އިނޮވޭޓިވް ޕޭމަންޓް ސޮލިއުޝަން'"ގެ އެވޯޑު އުރީދޫ މޯލްޑިވްސްގެ އެމް-ފައިސާ ޚިދުމަތަށް ލިބިއްޖެއެވެ.

އެމް-ފައިސާ އަކީ މޮބައިލް ފޯނު މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި އެހެން ބޭފުޅުންނަށް ފައިސާ ޓްރާންސްފާކުރުން އަދި ވިޔަފާރިތަކަށް ފައިސާ ދެއްކުންފަދަ ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރުމަށް ފަހިކޮށްދޭ ޚިދުމަތެކެވެ.

އުރީދޫއިން ފައިސާގެ ޚިދުމަތްތަކަށް ޚާއްސަކޮށްގެން އެމް-ފައިސާ ތަޢާރަފްކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ.

ޓެލެކޮމް އޭޝިއާ އެވޯޑްސް 2019ގައި ފައިސާގެ މުޢާމަލާތްތައް ކުރެވޭ އެންމެ ތަފާތު ޚިދުމަތަށް އުރީދޫގެ އެމް-ފައިސާ ހޮވިފައިވާއިރު މި އެވޯޑުގެ އިތުރުން ވެސް ގިނަ އެވޯޑުތަކަކަށް އުރީދޫއިން ވާދަކުރިއެވެ.

ޓެލެކޮމް އޭޝިއާ އެވޯޑަކީ ޓެލެކޮމް ދާއިރާއަށް ޚާއްސަކޮށްގެން މި ސަރަޙައްދުގައި ކުރިއަށްގެންދާ އެންމެ ދުވަސްވީ އަދި އެންމެ ފަޚުރުވެރި އެވޯޑެވެ. މިއީ މި އެވޯޑުދޭ 22 ވަނަ އަހަރުކަން ފާހަގަކޮށްލެވެއެވެ.