ވިޔަފާރި

"ޕާޓްނަރޝިޕް ފޯރަމްގެ ފުރަތަމަ ދުވަސް ވަރަށް ކާމިޔާބު"


ކާމިޔާބު ގިނަ މަޝްވަރާތަކާއި އެކު މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމްގެ ފުރަތަމަ ދުވަސް ނިންމާފައިފިއެވެ. މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއި މިނިސްޓަރ އޮފް ފައިނޭންސް އިބްރާހިމް އަމީރު ކޯ-ހޮސްޓް ކުރައްވާ މި ފޯރަމްގައި ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކާއި ބައެއް އިދާރާތަކުން ބައިވެރިވެއެވެ. ޕާޓްނަރޝިޕް ފޯރަމް ބޭއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މޯލްޑިވްސް ޕާޓްނަރޝިފް ފޯރަމްގައި ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކަކަށް އިންވެސްޓްކުރާނެ ފަރާތްތައް ހޯދުމަށްވަނީ ރާވާފައެވެ. މިފޯރަމްގައި ބައިނަލްއަޤްވާމީ މުޖްތަމައުގެ އެހީތެރިކަން ސަރުކާރުން ބޭނުންވާ މައިގަނޑު 5 ދާއިރާއަކުން ޕެނަލް ޑިސްކަޝަންތައް ބާއްވައި، މަޢުލޫމާތު ދިނުމަށް ރާވާފައިވެއެވެ. ފޯރަމްގެ ފުރަތަމަ ދުވަސް ނިމިގެން ދިޔައިރު، ސަރުކާރުން ކުރިއަށް ގެންދިޔުމަށް ރާއްވަވާފައިވާ ގިނަ މަޝްރޫޢުތަކަކާ ގުޅޭ މަޢުލޫމާތު ފޯރަމްގެ ބައިވެރިންނާއި ވަނީ ހިއްސާކޮށްފައެވެ. އަދި ބައިވެރިންގެ ސުވާލުތަކަށް މިނިސްޓަރުން ވަނީ ޖަވާބު ދެއްވާފައެވެ.

މިމަޝްރޫއުތަކަށް ބައިވެރިންގެ ފަރާތުން ޝައުގުވެރިކަން ފާޅުކޮށް، މަޝްރޫޢުތަކާގުޅޭ މަޢުލޫމާތުތައް އޮޅުންފިލުވާފައިވެއެވެ. ފޯރަމްގެ ފުރަތަމަ ދުވަހާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ވިދާޅުވީ، ފޯރަމްގެ ފުރަތަމަ ދުވަހުވެސް އެއްބަސްވުންތަކުގައި ސޮއިކޮށް، މުހިންމު މަޝްވަރާތަކެއް ކުރެވިފައިވާކަމަށެވެ.

" ސާޅީހަކަށް މަޝްރޫޢު މިވަނީ މިފޯރަމްގެ ބަހުސްގެ ތެރެއަށް ހުށަހެޅިފައި، ފޯރަމްގެ ތެރެއިން އެމަޝްރޫއުތަކާ ގުޅޭގޮތުން އެކި ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުން އެބަގެންދަވާ، މިއަދުވެސް ބައެއް މަޝްރޫޢުތަކުގައި މިވަނީ ސޮއިކުރެވިފައި، ބައެއް ހިލޭ އެހީ އަދި އެހެނިހެން ފަންނީ އެހީގެ ސޮއިކުރެވިއްޖެ." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ޕާޓްނަރޝިޕް ފޯރަމް މެދުވެރިކޮށް ރާއްޖެއަށް ކުރިމަގުގައި ލިބިގެންދާނެ ކުރިއެރުންތަކާގުޅޭގޮތުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވަނީ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވާފައވެ.

"އިންޓަރނޭޝަނަލް ކޮމިއުނިޓީއަށް ވަރަށް ރަނގަޅަށް ސާފުވާނެ، އާ ސަރުކާރުގެ ސިޔާސަތުތައް ރާއްޖެ ތަރައްޤީކުރުމުގަ ގެންދާ މިސްރާބް، އެބޭފުޅުންނަށް މައުލޫމާތު ސާފުކޮށްދީ މިވަގު އެބޭފުޅުންނަށް ދެވެން އޮތް ކޮމިޓްމަންޓެއް ދެއްވުމަށް މި ފުރުސަތު ބޭނުން ކުރަމުން މިދަނީ،" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މީގެއިތުރުން ބައިނަލްއަޤްވާމީ މުޖްތަމަޢުން ރާއްޖެއާއެކު މަސައްކަތްކުރަން ތައްޔާރަށް އޮތްކަން ފާހަގަވެގެން ގޮސްފައިވާ ކަމަށް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލް ވިދާޅުވިއެވެ.

"މި ފާހަގަވީ އިންޓަރނޭޝަނަލް ކޮމިއުނިޓީ އޮތީ ވަރަށް ބޮޑަށް ދިވެހިރާއްޖެއާއި އެއްކޮށް މަސައްކަތްކުރަން ތައްޔާރަށްކަން، އޭގެތެރޭގައި ދިވެހިރާއްޖެއަށް މިގެންނަން އުޅޭ ބަދަލުތަކުގައި ވެވެން ހުރި އެހީތެރިކަމެއް އިޤްތިސާދީ ހާލަތު ރަގަޅު ކުރުމަށް އެކި އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުވާދޭން ތައްޔާރަށް ތިބިކަން މިއަދު ފޯރަމްގައި ބައިވެރިވި ބޭފުޅުންގެ އަދަދަށް ޤައުމުތަކުން އެބަ އެނގޭ،" މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމަށް 1.6 ބިލިއަން ޑޮލަރު ނުވަތަ 24.6 ބިލިއަން ރުފިޔާގެ މަޝްރޫޢު ހުށަހަޅާފައިވާއިރު، މިފޯރަމްގެ ތެރެއިން ގިނަ މަޝްރޫޢުތަކެއް ހިންގާނެ ފަރާތްތައް ލިބިގެންދާނެކަމަށް ސަރުކާރުން ދެކެވަޑައިގަންނަވައެވެ.