ކުޅިވަރު

ނޭމާ ވިއްކާލަން ޕީއެސްޖީ ތައްޔާރު!


ރަނގަޅު އަގެއް ލިބިއްޖެނަމަ ބްރެޒިލްގެ ފޯވަޑް ނޭމާ ސަންޓޯސް ވިއްކާލަން ޕީއެސްޖީން ނިންމައިފި އެވެ.

މި ގޮތަށް ނިންމީ އެ ޓީމުގެ ސްކޮޑް ވަރުގަދަ ކުރުމުގެ ޕްލޭންގަ ދަށުންނެވެ. ނޭމާ ބަހައްޓަން ޕީއެސްޖީން ބޭނުންވި ނަމަވެސް އޭނާ ވިއްކާލަން ނިންމަނީ ކުޅުންތެރިޔާގެ ފުށުން މިދިޔަ ދެ އަހަރު ފެނުނު ނޭދެވޭ އަމަލުތަކުގެ ސަބަބުންނެވެ. ޕީއެސްޖީގެ ވެރިން ގަބޫލުކުރާ ގޮތުގައި ނޭމާ އަކީ ކުލަބުގައި ހުންނަން ބޭނުންނުވާ ކުޅުންތެރިއެކެވެ.

އޭނާ ގަތުމަށް އެލާޓަށް ތިބީ ސްޕޭނުގެ ގަދަ ދެ ބާރު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ އެވެ. މީގެ ތެރެއިން ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 220 މިލިއަން ޕައުންޑަށް ޕީއެސްޖީ އަށް ނޭމާ ގެނައީ ބާސެލޯނާގައި ހުއްޓަ އެވެ. އެއީ ހެދުނު ގޯހެއް ކަމަށާއި އަލުން ބާސެލޯނާ އަށް ދާން ބޭނުންވާކަން އޭނާ ވަނީ އެތައް ފަހަރަކު ބުނެފަ އެވެ.

ނޭމާ އަށް ފަހަކަށް އައިސް ގިނަ އަނިޔާތަކެއް ވަނީ ކުރިމަތިވެފަ އެވެ. މިހާރު ވެސް އޭނާ ހުރީ އިންޖަރީގަ އެވެ. އެއީ ކޮޕާ އެމެރިކާ އަށް ތައްޔާރުވަނިކޮށް ލިބުނު އަނިޔާއެކެވެ. މީއަނިޔާގެ ސަބަބުން އޭނާ އަށް މުބާރާތުގައި ވަނީ ކުޅެވޭގޮތްނުވެފަ އެވެ.