ޚަބަރު

ބޭހާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ނެޝަނަލް ހެލްތް ލެބޯޓްރީއެއް ހަދަނީ


ރާއްޖެއަށް އެތެރެކުރާ ބޭހާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގެ ވަސީލަތްތަކާއިއެކު ނެޝަނަލް ހެލްތް ލެބޯޓްރީއެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހް މާހިރު ވިދާޅުވީ، ރާއްޖެއަށް އެތެރެކޮށް ބޭނުންކުރާ ބޭހާއި ކާބޯތަކެއްޗަކީ ރައްކާތެރި ތަކެތިކަމުގައި ޔަޤީންކުރުމަށް ހެލްތް މިނިސްޓްރީއިިންނާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ރާއްޖެއަށް އެތެރެކުރާ ބޭސް ރައްކާތެރިކަމާއެކު ބަހައްޓައި ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ބޭސް ރައްކާ ކޮށްފައި ބަހައްޓަން ސެންޓްރަލް މެޑިކަލް ސްޓޯރެއް ޤާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއާއެކު ބޭހުގެ އަގުވެސް ކޮންޓްރޯލް ކުރެވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި މެޑިކަލް ސްޓޯއަކީ، ރައްކާތެރިކަމާއެކު ބޭސް ބެހެއްޓުމާއެކު ރަށްރަށަށް ބޭސް ބޭނުންވާ ވަގުތު އަވަހަށް ބޭސް ފޯރުކޮށްދިނުމުގައި މުހިންމު ހިއްސާއަކަށް ވާނެކަމަށް ސްޓޭޓް މިނިސްޓަރ ޑރ. ޝާހް މާހިރު ވިދާޅުވިއެވެ.

"ސެންޓްރަލް މެޑިކަލް ސްޓޯރެއް ޤާއިމުކުރުމުގެ ޕްލޭން ހެލްތް މިނިސްޓަރ ވަނީ ހާމަކުރައްވާފައި. މިއީ ރާއްޖެއަށް އެތެރެ ކުރާ ބޭސް ރައްކާތެރިކަމާއެކު ބަހައްޓައި ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން ކުރާ މަސައްކަތެއް. މި ސްޓޯރަކީ ރައްކާތެރިކަމާއެކު ބޭސް ބެހެއްޓުމާއެކު ރަށްރަށަށް ބޭސް ބޭނުންވާ ވަގުތު އަވަހަށް ބޭސް ފޯރުކޮށްދޭން ޤާއިމުކުރާ ސްޓޯރެއް." ސްޓޭޓް މިނިސްޓަރ ޑރ. ޝާހް މާހިރު ވިދާޅުވިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ހިންގެވުމާއި ހަވާލުވެ ހުންނެވި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހް މާހިރު ވަނީ، ރާއްޖެއަށް އެތެރެކުރާ ބޭހާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގެ ވަސީލަތްތަކާއިއެކު ނެޝަނަލް ހެލްތް ލެބޯޓްރީއެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރައްވަމުންދާކަން ހާމަކުރައްވާފައެވެ. އެގޮތުން މި ލެބޯޓަރީ ތަރައްޤީކުރުމުގެ ޕްލޭން މިހާރު ކުރިއަށްދާ މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމްގައި ބައިނަލްއަޤްވާމީ ފަރާތްތަކާއިއެކު ހިއްސާކުރާނެކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ބައިނަލްއަޤްވާމީ ފެންވަރުގެ ވަސީލަތްތަކާއިއެކު ނެޝަނަލް ހެލްތް ލެބޯޓްރީއެއް ތަރައްޤީކުރުމުގެ މަސައްކަތް އެބަކުރަން. މި ޕްރޮޖެކްޓް ޕާޓްނަޝިޕް ފޯރަމްގައިވެސް މަޝްވަރާކުރާނެ. މިކަމަށް ނުވަ މިލިއަން ޑޮލަރު ހަރަދުވާނެ." ސްޓޭޓް މިނިސްޓަރ ޑރ. ޝާހް މާހިރު ވިދާޅުވިއެވެ.

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގެ ވެބްސައިޓުގައިވާ ގޮތުން ނެޝަނަލް ހެލްތް ލެބޯޓްރީއެއް ޤާއިމުކުރުމުގެ މަޝްރޫޢުއަށް ނުވަ މިލިއަން ތިންސަތޭކަ ފަންސާސް ނުވަހާސް ހަތަރު ސަތޭކަ ހަތްދިހަ ފަސް ޑޮލަރު ޚަރަދުވާނެކަމަށް ލަފާކުރެވެއެވެ. އެގޮތުން މި ޕްރޮޖެކްޓްގެ ދަށުން، މިހާރު ހެލްތް މިނިސްޓްރީގައި ޤާއިމުކޮށްފައިވާ ހެލްތް ލެބޯޓަރީ ވަކި އިމާރާތަކަށް ބަދަލުކޮށް އައު ނެޝަނަލް ހެލްތް ލެބޯޓްރީ ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ލެބޯޓަރީގައި ރާއްޖެއަށް އެތެރެކުރާ ބޭހާއި، އިމްޕޯޓްކޮށް އެކްސްޕޯޓްކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުުކުރުމަށް ޓެކްނޮލޮޖީގެ އެންމެ ފަހުގެ ވަޞީލަތްތަށް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.