ކުޅިވަރު

އައިއޯއައިޖީގައި ގައުމީ ބީޗްވޮލީ އަންހެން ޓީމް ބައިވެރި ނުކުރަން ނިންމައިފި


އަންނަމަހު މޮރީޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގައުމީ ބީޗްވޮލީ އަންހެން ޓީމް ބައިވެރި ނުވާން ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނިންމާފައިވާނެ ކަމަށް ވީއޭއެމްގެ ކުރީގެ ރަޢީސް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ވީއޭއެމްގެ ހިންގުމާއި ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެ، އެސޯސިއޭޝަން އިންޓަރިމް ކޮމިޓީއަކާއި ހަވާލުކޮށްފައިވާ ދަނޑިވަޅެއްގައި، ކުރީގެ ރަޢީސް ލަތީފް ވިދާޅުވީ، ކުރީގެ އެކްސްކޯއިން ބީޗްވޮލީ އަންހެން ޓީމް މުބާރާތުގައި ބައިވެރި ނުކުރަން ނިންމާފައިވާނެ ކަމަށެވެ.

ލަތީފް ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރ މަހުން ފެށިގެން ގައުމީ ވޮލީބޯޅަ އިންޑޯ އަންހެން އަދި ފިރިހެން ޓީމުގެ އިތުރުން ބީޗްވޮލީ ފިރިހެން ޓީމު، އައިއޯއައިޖީއަށް ތައްޔާރުވުމަށް ފަރިތަކުރަމުން އަންނަ ކަމަށާއި، ނަމަވެސް މިހާތަނަށްވެސް ބީޗްވޮލީ އަންހެން ޓީމުގެ އެއްވެސް ފަރިތަކުރުމަށް ފެށިފައި ނުވާކަމަށެވެ. އަދި ފަރިތަކުރުންތަށް ނުފެށުނު އެއްވެސް ސަބަބެއް ޓީމުގެ ކޯޗް އަންގާފައި ނުވާ ކަމަށްވެސް ލަތީބެ ވިދާޅުވިއެވެ.

ލަތީބެ ވިދާޅުވީ މުބާރާތުގައި ބީޗްވޮލީ އަންހެން ޓީމް ބައިވެރި ނުކުރަން އޭރު ނިންމީ، މުބާރާތް ފެށެން މަސް ދުވަހަށް ވީއިރުވެސް ފަރިތަކުރުންތަށް ފެށިފައި ނުވާތީ، މަޖާކޮށްލައި، ބާޒާރުކޮށްލުމަށް ޓީމް ފޮނުވަން ބޭނުން ނުވާތީކަމަށެވެ.

ގައުމީ ބީޗްވޮލީ ޓީމުގެ ފަރިތަކުރުންތަށް ނުފެށި އޮތުމުން މީގެ ކުރިން ބައެއް ކުޅުންތެރިންވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަންހެން ޓީމު ބައިވެރި ނުކުރަން ނިންމާފައި އޮތް ނަމަވެސް ފިރިހެން ޓީމުން އަންނަނީ މުބާރާތަށް ތައްޔާރުވާން ވަރުގަދައަށް ފަރިތަކުރަމުންނެވެ.

މިއީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބީޗް ވޮލީއިން ބައިވެރިވާ ފުރަތަމަ ފަހަރެވެ.