ކުޅިވަރު

މެލޭޝިއާ ކުއަޑްރަންގިއުލާ ސީރީޒްގައި ވާދަކުރުމަށް ގައުމީ ކްރިކެޓް ޓީމް މެލޭޝިއާއަށް ފުރައިފި


މެލޭޝިއާގައި އޮންނަ ކްރިކެޓް ކުއަޑްރަންގިއުލާ ސީރީސްގައި ވާދަކުރުމަށް ރާއްޖޭގެ ސީނިއާ ގައުމީ ޓީމް މެލޭޝިއާއަށް ފުރައިފިއެވެ.

ޓީމް މެލޭޝިއާއަށް ފުރުމުގެ ކުރިން ގްރޭޓާ މާލެ ބަސް ޓާމިނަލްއިން ޓީމަށް އަލްވަދާޢު ކިއުއްވީ ކުޅިވަރާބެހޭ ވަޒީރު އަޙުމަދު މަޚުލޫފް އާއި ކްރިކެޓް ބޯރޑް އޮފް މޯލްޑިވްސްގެ ރަޢީސް މުޙައްމަދު އަފްލަހްގެ އިތުރުން، ކްރިކެޓް ބޯރޑުގެ އިސްވެރިންނެވެ.

މުބާރާތަށް ޓީމް މެލޭޝިއާއަށް ފުރީ މާލޭގައި އެއްމަސް ދުވަހުގެ ފަރިތަކުރުންތަކެއް ކުރިއަށް ގެންދިއުމަށްފަހުއެވެ. އަދި މެލޭޝިއާގައި މުބާރާތުގެ ކުރިން ޚާއްސަ ތަމްރީންތަކެއް ފުރިހަމަ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެހެން ފަހަރުތަކާއި ޚިލާފަށް ޚާއްސަ ސެލެކްޝަން ކްރައިޓީރިއާ ތަކެއްގެ ދަށުން ޓީމް އެކުލަވާލުމަށްފަހު މުބާރާތަށް ރާއްޖެ ޓީމުން މިފަހަރު އަމާޒު ހިފާފައިވަނީ މުބާރާތް ކާމިޔާބުކުރުމަށެވެ.

މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރާނީ މެލޭޝިއާ އާއި ތައިލޭންޑްގެ އިތުރުން، ޕަޕުއާ ނިއު ގީނީއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިމަހުގެ 23ވަނަ ދުވަހު ވާދަކުރާނީ ރާއްޖެއާއި މުބާރާތް ބާއްވާ ގައުމު ކަމަށްވާ މެލޭޝިއާއެވެ.

ޖުމްލަ ހަތަރު ގައުމެއްގެ މެދުގައި ކުޅޭ މިމުބާރާތުގައި ރާއްޖެ ޓީމަށް އިރުޝާދު ދެއްވާނީ ގައުމީ ކޯޗް އާސިފް ޚާން. ޓީމުގެ މެނޭޖަރަކީ މަޙްމޫދް ރިޔާޒެވެ.