ސިޔާސީ

ފަރުޟު ޙައްޖަށް %80 ފައިސާ ދޫކުރުމަށް ހުށައަޅައިފި


ޙައްޖަށް ގެންދިޔުމަށް ކަނޑައަޅާ އަގުގެ 80 އިންސައްތަ ޕެންޝަން ފަންޑުން ދިނުމަށް ޕެންޝަނާ ބެހޭ ޤާނޫނަށް އިޞްލާހެއް ހުށައަޅުއްވައިފިއެވެ. މި އިޞްލާޙު ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާއެވެ.

މިހާރު ޕެންޝަނާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުގައި، ޕެންޝަން ފަންޑުން ފައިސާ ދޫކުރަނީ ފަރުޟު ޙައްޖުވުމަށެވެ. ޢަދި ފައިސާ ދޫކުރާނީ އެ އަހަރަކު ޙައްޖަށް ގެންދިޔުމަށް ކަނޑައަޅާ އަގުގެ 50 އިންސައްތަ ނުވަތަ ދެބައިކޮށްފަ އެއްބައިކަމަށްވެސް ބުނެފައިވެއެވެ.

ސަރުކާރުގެ ފަރާތުން މެންބަރު އަޙްމަދު އީސާ ހުށައެޅުއްވި އިޞްލާޙުގައި ބުނެފައިވަނީ، ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔާމަންޓް ސޭވިންގ އެކައުންޓުން ދޫކުރެވޭނީ އެ އަހަރަކު ޙައްޖަށް މީހުން ގެންދިއުމަށް ދައްކަންޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ޢަދަދަށްވާ ފައިސާގެ އަށްޑިހަ އިންސައްތަކަމަށް. މި އިޞްލާޙު ހުށައެޅުމުގެ މަޤްޞަދަކީ، ވީހާވެސް ގިނަ ބަޔަކަށް ފަރުޟް ޙައްޖުގެ އަޅުކަން އަދާކުރުމަށް މަގުފަހިކޮށްދިނުންކަމަށާއި، ޕެންޝަން ފަންޑުން ފައިސާ ދޫކުރެވޭނެ މިންވަރު، މިހާރަށްވުރެ މަތިކޮށް، އެ ފުރުޞަތު ވީހާވެސް ގިނަ ފަރާތްތަކަށް ލިބިދިނުމަށް މަގުފަހިކޮށްދިނުންކަމަށް.

ޕެންޝަން ފަންޑުން ހައްޖަށް ފައިސާ ދޫކުރުމުގައި މިހާރު ޢަމަލުކުރާ އުސޫލުގައިވާ ގޮތުން ޙައްޖުވުމަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރާނީ އެކައުންޓްގައި 336000 ( ތިންލައްކަ ތިރީސް ހަ ހާސް ) ރުފިޔާ ހުންނަ ފަރާތްތަކަށެވެ. މިއަދަދު ބޮޑުކަމަށް ބުނެ ބައެއް ފަރާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އަލަށް ގެންނަން ހުށައެޅި އިޞްލާޙުގައި މި ޢަދަދަށް އެއްވެސް ބަދަލެއް ގެނައުމަށް ހުށައަޅަފައެއްނުވެއެވެ.

ޕެންޝަން އޮފީހުން ވަނީ ޕެންޝަން ސްކީމުން ކަނޑައަޅާފައިވާ މިންވަރަށް ފައިސާ އެ ފަންޑުގައި ހުރީ 6000 މީހުންކަމަށް ބުނެފައެވެ.

ގެދޮރު ގަތުމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ރަހުނުކޮށްފައިވާ ބައިވެރިއެއް ނަމަ އެ އަދަދު ނުހިމަނާ ޤަވާއިދުގައި ބުނާ އެންމެ މަދު މިންވަރުގެ ފައިސާ ރިޓަޔަމަންޓް ސޭވިން އެކައުންޓްގައި ހުންނަން ޖެހޭކަށްވެސް އުސޫލުގައިވެއެވެ. ޢަދި ޙައްޖަށް ދާން އެއަހަރަކު އެދޭ ހުރިހާ އެންމެނަށް ފައިސާ ދޫކުރަންޖެހޭނެކަމަށާއި ފައިސާ ދޫކުރާނީ ޙައްޖަށް ގެންދާކަމުގެ ލިޔުމެއް ލިބުމުންކަމަށްވެސް ބުނެފައިވެއެވެ.

ޙައްޖަށް ދިއުމަށް ޕެންޝަން ފަންޑުން ފައިސާ ނެގި ބައިވެރިޔަކު އެއްވެސް ސަބަބެއް ދިމާވެ އެ އަހަރަކު ހައްޖަށް ނުދެވިއްޖެނަމަ އެ އަހަރެއްގެ ހައްޖު ދުވަހުގެ ފަހުން 30 ދުވަހުގެ ތެރޭގައި ހައްޖަށް ދާން ލިބުނު ފައިސާ އަނބުރާ ޕެންޝަން އޮފީހަށް ރައްދު ކުރަން ވާނެކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.