އެންމެ ޒަމާނީ ޚިދުމަތްތަކާއެކު ހަތަރު ޕޮލިސް ސްޓޭޝަން ޤާއިމްކުރުމަށް 12.2 މިލިއަން ޑޮލަރުގެ މަޝްރޫޢުއެއް "މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް" އަށް ހުށައަޅަން ސަރުކާރުން ނިންމައިފިއެވެ.
ހެޔޮ ވެރިކަމާއި އަދުލް އިންސާފް ޤާއިމްކުރުމަށް ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ ތެރެއިން ޕާޓްނާޝިޕް ފޯރަމަށް ހުށައަޅާ ކަންކަމުގައި ފުލުހުންގެ ޚިދުމަތް ޑިޖިޓަލްކޮށް އެންމެ ޒަމާނީ ފެންވަރަށް ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށާއި، ފުލުހުންގެ ޚިދުމަތް ނެތް ސަރަހައްދުތަކަށް އެ ޚިދުމަތް ފުޅާކުރުމަށްވެސް ވަނީ ހިމަނާފައެވެ.
މިހާރު ޕޮލިސް ސްޓޭޝަން ޤާއިމްކޮށްފައިވަނީ މީހުން ދިރިއުޅޭ 85 ރަށުގައިކަން ފާހަގަކޮށް ސަރުކާރުން ވަނީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެންމެ ޒަމާނީ ފެންވަރަށް ފުލުހުންގެ ޚިދުމަތް ދެމުން އަންނަ "މޮޑެލް"އަށް 4 ޕޮލިސް ސްޓޭޝަން ޤާއިމްކުރުމަށް ނިންމާފައެވެ. އެ ތަންތަނުގައި މައްސަލަތައް ތަޙުޤީޤުކުރުމަށާއި، ތަޙުޤީޤީ މަރުހަލާގައި ކުށްވެރިން ބައިތިއްބާނެ ތަންތަނާއި، ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކޮވެސް ހުންނާނެއެވެ. އަދި އެ މަޝްރޫއުގެ ތެރޭގައި އެތަންތަނަށް ބޭނުންވާ ވެހިކަލްތައް ހޯދުންވެސް ވަނީ ހިމަނާފައެވެ.
ޕާޓްނާޝިޕް ފޯރަމް" އަށް ސަރުކާރުން ހުށައަޅާ ހުށެއުޅުންތަކުގައިވާ ގޮތުން އަލަށް އިމާރާތްކުރާ މި ހަތަރު ޕޮލިސް ސްޓޭޝަން ޤާއިމްކުރުމަށް ނިންމާފައިވަނީ އާބާދީ ބޮޑެތި ސަރަހައްދުތަކަށް އަމާޒުކޮށްގެންނެވެ. އެހެންނަމަވެސް މި ޕޮލިސް ސްޓޭޝަންތައް އަޅާނެ ސަރަހައްދުތަކުގެ ތަފްސީލެއް ހިމަނާފައެއް ނުވެއެވެ.
ފުލުހުންގެ ޚިދުމަތް ޑިޖިޓަލްކޮށް ފުލުހުންގެ ނެޓްވޯކާއި ޑޭޓާ ބޭސް ނިޒާމް ހަރުދަނާކޮށް ކުރިއެރުވުމަށްވެސް ވަނީ 2.1 މިލިއަން ޑޮލަރު ހޯދުމަށް ކަނޑައަޅާފައެވެ. އަދި ފުލުހުންގެ ޚިދުމަތަށް އަލަށް ތަޢާރަފްކުރި ނެއިބަރހުޑް ސަޕޯޓް އޮފިސާރސް ޕްރޮގްރާމް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތަޢާރަފްކޮށް ކުށް މަދުކުރުމަށް ހިންގާ އެކި މަޝްރޫޢުތަކަށްވެސް ވަނީ 135 ހާސް ޑޮލަރު މަޝްރޫއެއް ކަނޑައަޅާފައެވެ. މީގެ އިތުރުން މާލޭތެރެ ޕެޓްރޯލްކުރުމަށް ފުލުހުންނަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި ސީސީޓީވީ ކެމެރާ ނިޒާމް އިތުރަށް ހަރުދަނާކުރުމަށްވެސް މި މަޝްރޫޢުގެތެރޭގައި ހިމަނާފައިވެއެވެ.
މިހާރު ފުލުހުންގެ ޚިދުމަތުގައި ތިބި އަންހެން ފުލުހުންގެ ނިސްބަތަކީ 9.7 އިންސައްތައެވެ. އެހެންކަމުން އަންހެން ފުލުހުންގެ އިތުރުކުރުމަށާއި، އަންހެނުނަށް އިތުރު ފުރުޞަތުތަށް ފަހިކޮށްދީ ތަމުރީނު ޕްރޮގްރާމްތައް ހިންގުމަށްވެސް 195 ހާސް ޑޮލަރު މި މަޝްރޫއުގައި ހިމަނާފައިވެއެވެ. އަދި ޖިނާޢީ މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރާނެ އުސޫލް އެކުލަވާލާ ހަރުދަނާކުރުމާއި، ކުޑަކުދިން ކުށަށް އަރައިގަންނަ މިންވަރު މަދުކޮށް ފުލުހުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް ވެސް ވަނީ 3 ލައްކައަށްވުރެ ގިނަ ޑޮލަރު ކަނޑައަޅާފައެވެ.