ތަޢުލީމު

މިއަހަރު 8 ސްކޫލެއްގައި އަރލީ އިންޓަރވެންޝަން ޕްރޮގްރާމުފަށަނީ


މިއަހަރުގެ ތެރޭގައި މާލޭގެ 5 ސްކޫލަކާއި، އަތޮޅުތެރޭގެ 3 ސްކޫލެއްގައި އާރލީ
އިންޓަވެންޝަން ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާކަމަށް ނެޝަނަލް އިންސްޓިޓިއުޓް
އޮފް އެޑިޔުކޭޝަނުން ބުނެފިއެވެ.



ހުރިހާ ކުދިން ޝާމިލްކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން
ހިންގާ 'އާރލީ އިންޓަރވެންޝަން" ޕްރޮގްރާމް ޕްރީސްކޫލްތަކަށް
ތަޢާރަފްކުރުމުގެ ގޮތުން ވަނީ ތަމްރީނު ޕްރޮގްރާމެއް ބާއްވާފައެވެ.



މިޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާ ސްކޫލްތަކުގެ ޓީޗަރުންނަށް، އެމަރުކަޒުން
ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމްގައި
ޝާމިލްކުރުމުގެ ސިޔާސަތުގައި ބަޔާންކުރާ ގިންތިތަކުގެ ތެރެއިން އޯޓިޒަމް،
ޑައުންސިންޑްރަމް، އޭ.ޑީ.އެޗް.ޑީ އަދި އުނގެނުމުގެ ލަސްކަން ހުންނަ ކުދިންނަށް
ޕްރީސްކޫލް ޕްރޮގްރާމްގައި އެހީތެރިކަން ފޯރުކޮށްދެވޭގޮތުގެ މައްޗަށް ބަލާލާ
ތަމްރީނު ދީފައިވެއެވެ.



މިތަމްރީނުގައި ޓީޗަރުންނަށް ޅަފަތުގައި ތަފާތު އެހީތެރިކަން ބޭނުންވާ
ކުދިންނަށް އެހެން ކުދިންނާއެކު އެއްކްލާހެއްގައި ކިޔަވައިދިނުމުގެ ވައްޓަފާޅިތައް
ކިޔައިދީފައިވެއެވެ. މީގެ ބޭނުމަކީ ގްރޭޑް އެކަކަށް ކުއްޖާ ވަންނައިރު މެއިން
ސްޓްރީމްކޮށްގެން ކްލާސްތަކުގައި ބައިތިއްބައިގެން ތަޢުލީމު ފޯރުކޮށްދިނުންކަމަށް
އެންއައިއީ އިން ބުނެއެވެ.



މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ އާދަމް ޝަރީފް
ވިދާޅުވީ ދަރިވަރުންނަށް ރަގަޅު ތަރުބިއްޔަތު ދިނުމަށް މުޅި މުޖުތަމަޢުން ރަގަޅު
ނަތީޖާއެއް ދައްކަންޖެހޭކަމަށެވެ.