ވިޔަފާރި

ޔަންމާ އިންޖީނު ބޭނުންކުރާ އުޅަނދުފަހަރު ސާވޭކުރުމަށް ޚާއްސަ ކެމްޕެއިނެއް ފަށައިފި


ޔަންމާ އިންޖީނު ބޭނުންކުރާ އުޅަނދުފަހަރު ސާވޭކުރުމަށް "ޔަންމާ ސަރވިސް ކެމްޕެއިން 2019"ގެ ނަމުގައި އެމްޓީސީސީން ޚާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.

މިއީ މޯލްޑީވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީ އަދި ޔަންމާ އޭޝިއާއާއި ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މާލޭ މަސް މާރުކޭޓު ސަރަޙައްދުގައި ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ މިކެމްޕެއިންގެ މަޤްސަދަކީ ރާއްޖޭގައި ބޭނުންކުރާ އިންޖީނުތަކުގެ ސްޕެއަރ ޕާޓްސްތަކުގެ ފެންވަރު ރަނގަޅުތޯ ބެލުންކަމަށެވެ. އަދި ޚާއްސަކޮށް ޔަންމާ އިންޖީނުތަކުގެ ސްޕެއަރޕާޓްސްތައް ބަލައި، މި ކެމްޕެއިންގެ ތެރެއިން އިންސްޕެކްޓް ކުރެވިގެންދާނެކަމަށް ޝާހު ވިދާޅުވިއެވެ.

"ޔަންމާ އިންޖީނަކީ ރާއްޖޭގައި ފުރަތަމަ ތަޢާރަފްކުރި އެއް އިންޖީން. އެހެންކަމުން މިއީ ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ އެއް އިންޖީން. އެހެންކަމުން އަޅުގަނޑުމެންގެ ބޭނުމަކީ އިންޖީނުތަކުގައި ބޭނުންކުރާ ސްޕެއަރ ޕާޓްސްތަކުގެ ޖެނުއިންކަން ޔަޤީންކުރުން." ސީއީއޯ ހަސަން ޝާހު ވިދާޅުވިއެވެ.

ޖޫން މަހުގެ 16 އިން 19 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކެމްޕެއިންގައި ޔަންމާ އިންޖީން އެޅި އުޅަނދުފަހަރުގެ އިންޖީނުތައް ސަރވޭކުރުމާއި ކަސްޓަމަރުންނަށް އޮރިޖިނަލް ސްޕެއަރ ޕާރޓްސްގެ މަޢުލޫމާތުދީ، ހޭލުންތެރިކުރުމުގެ ހަރަކާތްތައް ކުރިއަށްދާނެކަމަށް އެމްޓީސީސީން ބުނެއެވެ.

މި ކެމްޕެއިނާއެކު އެމްޓީސީސީން ވަނީ އިންޖީނުތަކަށް ޚާއްސަ ސަރވިސް ކިޓްތަކެއް ވެސް ތަޢާރަފްކޮށްފައެވެ. އެގޮތުން ކިޓް ގަތުމުން 25 އިންސައްތަ އާއި 38 އިންސައްތަ ދޭތެރޭގެ ޑިސްކައުންޓް ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ މި ކެމްޕެއިން ކުރިއަށްއޮތް އަހަރުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

ޔަންމާ އިންޖީނަކީ ރާއްޖޭގެ އުޅަނދު ފަހަރުތަކުގައި އެންމެ ފުރަތަމަ އެޅި އިންޖީނެވެ. ޔަންމާ އިންޖީންގެ ރާއްޖޭގެ އޮތޯރައިޒްޑް ޑިސްޓްރިބިއުޓަރއަކީ އެމްޓީސީސީއެވެ. ޔަންމާ އިންޖީންގެ އިތުރުން ވެސް ސުޒުކީ އައުޓްބޯޑް އިންޖީނު، ކާސްޓްރޯލް އަޑީތެލާއި އިތުރު ބްރޭންޑްތައް އެމްޓީސީސީން ރާއްޖެ އެތެރެކުރެއެވެ.