ތަޢުލީމު

ޤައުމީ މަންހަޖް ތަންފީޒް ކުރުމާ ބެހޭ ސެމިނާއެއް ފެށިއްޖެ


ޤައުމީ މަންހަޖު ތަންފީޒުކުރުމުގައި،
ދަރިވަރުންގެ ކިބައިގައި ހިއްސާކުރާ އަގުތައް ނުވަތަ ޝެއަރޑް
ވެލިއުސް އަށަގެންނެވުމާއިބެހޭ ސެމިނާ މިއަދު ފަށައިފިއެވެ. އެއް ދުވަހުގެ
މުއްދަތަށް ކުރިއަށް ގެންދާ މި ސެމިނަރ ކުރިއަށް ގެންދަނީ ޖަމާލުއްދީން
ސްކޫލްގައެވެ.



ޤައުމީ މަންހަޖުގެ
"ހިއްސާކުރާ އަގުތައް" ތަންފީޒް ކުރުމާއި ބެހޭ ސެމިނަރ ކުރިއަށް
ގެންދިއުމުގެ މަޤްޞަދަކީ މަދަރުސީ ތައުލީމުގެ ޤައުމީ މަންހަޖު ތަންފީޒްކުރާއިރު،
ދަރިވަރުންގެ ކިބައިގައި ހިއްސާކުރާ އަގުތައް އަށަގެންނެވުމަށް ބާރު އެޅުމެވެ.
އަދި ދަރިވަރުންގެ ކިބައިގައި އެއަގުތައް އަށަގެންނެވުމަށް ސްކޫލްތަކުން
ކުރަމުންގެންދާ ކަންކަން ޙިއްޞާކުރުމަށް ފުރުސަތު ހޯދައިދީ، އެކަމުގައި ބެލެނިވެރިންގެ
ދައުރު ބޮޑުކުރުމެވެ.



މި ސެމިނަރ ފެށުމުގެ
ރަސްމިއްޔަތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރގެ ނައިބު އާދަމް
ޝަރީފް އުމަރު ވިދާޅުވީ، އާމަންހަޖަށް ކިޔަވައިދެން ފަށާފައިވާއިރު، ދަރިވަރުންގެ
ކިބައިން އެކަމުގެ ހެޔޮ ބަދަލުތައް މިހާރު ފެންނަން ފަށާފައިވާކަމަށެވެ. އާދަމް
ޝަރީފް ވިދާޅުވީ، މި ސެމިނާގެ އެންމެ ބޮޑު އެއް ބޭނުމަކީ ދަރިވަރުންނަކީ ދިރިއުޅުމަށް
ތައްޔާރުވެފައިވާ ބަޔަކަށް ހެދުމަށް މަސައްކަތްކުރުންކަމަށެވެ. އެހެންކަމުން
ހަމައެކަނި ދަރިވަރުންނަށް ފޮތްތަކުގައި ހުރި އެއްޗެއް ކިޔަވައިދިނުމަށްވުރެ ބޮޑަށް
އެކުދިންގެ ކިބާގއި ހުނަރުތަކާއި ސިފަތަށް އަށަގެންނެވުމަށް މަސައްކަތްކުރަންޖެހޭކަމަށް
އާދަމް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެންމެ އެދެވޭ ގޮތުގައި އާމަންހަޖު
ތަންފީޒް ކުރެވޭނީ، އުނގެނުމާއި، އުނގަންނައި ދިނުމުގައި ޝަމިލްވާ އެންމެހައި
ފަރާތްތަކުން އެކަށީގެންވާ ގޮތެއްގައި އެފަރާތްތަކުގެ މަސްއޫލިއްޔަތާއި ޒިންމާ
ނަގައިގެންކަމަށެވެ.
މި ސެމިނާގައި ގައުމީ މަންހަޖު ތަންފީޒް ކުރުމުގައި ދަރިވަރުންގެ ކިބާގައި
ހިއްސާކުރާ އަގުތައް އަށްގެންނެވުމަށް ސްކޫލްތަކުން ކުރަމުންގެންދާ ކަންތައްތަކުގެ
ޕްރެޒެންޓޭޝަން ހުށައަޅަފައިވެއެވެ.



މި ސެމިނާގައި
ބައިވެރިވަނީ، މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ލީޑިންގ ޓީޗަރުންނާއި،
ސްކޫލް ބޯޑް މެމްބަރުންނާއި، ޕީޓީއޭ މެމްބަރުންގެގެ އިތުރުން ނޭޝަނަލް
އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ފަންނީ
މުވައްޒަފުންނެވެ.