ދުނިޔެ ހޫނުވުމާމެދު ދުނިޔޭގެ ބޮޑެތި ޤައުމުތަކުން މާބޮޑު ފަރުވާލެއް ނުބަހައްޓާކަމަށް އެންވާރަމެންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާލުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ބޮޑެތި ޤައުމުތަކުން މިކަމާމެދު ކަންބޮޑުވުން ފާލުކުރިނަމަވެސް މިކަމާމެދު އެ ޤައުމުތަކުން މާބޮޑު ކަމެއް ނުކުރާ ކަމަށެވެ.
ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ގިނަ ކަންތައްތަކެއް ކުރަމުން ދިޔަނަމަވެސް އަދިވެސް އިތުރަށް މިކަމުގައި ކުރެވޭނެކަންކަން އެބަހުރިކަމަށެވެ. އެގޮތުން އުސޫލުތަކާއި ޤާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ރާއްޖޭގެ ކަނޑުތަކަކީ ކަނޑުގެ ދިރުންތަކަށް ރައްކާތެރިތަނަކަށް ހެދުން މުހިއްމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ކަނޑުގެ ދިރުންތައް ނެތެމުންދާކަން ފާހަގަކުރައްވާ ސައިންސްވެރިން ހޯދަމުން ގެންދާ ސައިންޓިފިކް ހަގީގަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.
މިނިސްޓަރ ވިދާޅުވީ މުޅި ދުނިޔެއަށް ގެއްލުންވާ އެތައްކަމެއް އެންމެން ކުރަމުންދާއިރު ނިސްބަތުން ރާއްޖެއިން ކުރަމުންދާ މިންވަރު ނަމދުނަމަވެސް މިކަމުގެ ނުރައްކާ އެންމެ ބޮޑީ ރާއްޖެއަށްކަމަށެވެ. އަދި ދިވެހިން ހިމާޔަތްކުރުމަށް ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ނާންނާނެ ކަމަށާ ރާއްޖެ ސަލާމަޓްކުރަން މަސައްކަތްކުރަންޖެހޭނީ ދިވެހިންނަށް ކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވީ ކަނޑުތަކަށް ލިބޭ ކޮންމެ ގެއްލުމަކީ އިންސާނުންނަށް ލިބޭ ގެއްލުމެއްކަމަށެވެ. ޚާއްސަކޮށް ދިވެހިންގެ އިޤްތިޞާދުގެ ބޮޑުބައެއް ކަނޑަށް ބަރޯސާވެފައިވާއިރު ކަނޑުތަކަށް ލިބޭ ގެއްލުން ސީދާގޮތެއްގައި ދިވެހިންނަށް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިރަސއްމިއްޔާތުގައި މިނިސްޓަރ ޒަހާވަނީ ކަނޑުތަކުގެ ދިރުންތަކާއި ކަނޑުގެ ވެށި ރައްކާތެރިކުރުމަށް ކަނޑުގެ ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ އުސޫލުތައް ހަރުދަނާކޮށް ކުރިއަށްއޮތް ޖީލުތަކަށް ގެންގޮސްދިނުމަށް މަސައްކަތްކުރުމަށް ވަޢުދުވެވަޑައިގެންފައެވެ.
މިނިސްޓަރވަނީ ކަނޑުތަކުގެ ރައްކާތެރިކަމަށް މަސައްކަތްކުރުމަށް ކުރިއަށް ނިކުތް މަސްވެރި ދޯނިތަކަށާއި ކުންފުނިތައް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މަސްވެރިންގެ ފަރާތުން ފެނިގެންދިޔަ މިޢަމަލުން އެހެނިހެން ސިނާޢަތްތަކުން ނަމޫނާ ނަންގަވާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ޒަހާވަނީ ވިދާޅުވެފައެވެ.