ޚަބަރު

މިރޭވެސް މާލެއާ ރަށްރަށަށް އުދަ އަރާނެ - މެޓު އޮފީސް


މިރޭ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މާލެއަށާއި ރާއްޖޭގެ ބައެއް ރަށްރަށަށް އުދައަރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދަރާއިން ލަފާކޮށްފިއެވެ.

އެއީދާރާއިން ބުނީ މާލެއަށް މިރޭ ދިޔަވަރު ބޮޑުވާނީ 11 ގަޑި 30 ހާއިރުކަމަށާއި އެގަޑީގައި އުދައަރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑީގެ ފަހުން ގަޑިއެއްހާއިރު ތެރޭގައި އުދައިގެ އަސަރުބޮޑަށް ކުރަނެކަމަށް އެއިދާރާއިން މަޢުލޫމާތުދެއެވެ. އަދި ރާއްޖޭގެ އެހެނިހެން ސަރަޙައްދުތަކުގެ ކަނޑުތަކުގެ ބާނިވެސް ބޮޑުކަމަށާއި ދިޔަވަރު ބޮޑުވާގަޑިތަކުގައި ރަށްރަށަށް އުދައެރުމުގެ ފުރުޞަތު ބޮޑުކަމަށެވެ.

ފާއިތުވި 3 ދުވަހު މާލޭގެ ކާނިވާ ސަރަޙައްދަށާއި ރާޅުގަނޑު ސަރަޙައްދަށް އުދައަރާފައިވާތީ އެތަނުގައި ހުރި ވެހިކަލްތައް ނެގުމަށް މާލެ ސިޓީ ކައުންސިލުންވަނީ އިލްތިމާސްކޮށްފައެވެ. މާލެއަށް އުދައަރަމުންދާތީ ފާއިތުވި 3 ދުވަހުވެސް ވެލި ބަސްތާ ޖެހުމުގެ މަސައްކަތްކޮށްފައިވާއިރު ރާޅުގަނޑުން ވެލިނަގައި އެސަރަޙައްދަށް އުދައެރުމުގެ ފުރުޞަތު ކުޑަކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
މާލެ ސިޓީ ކައުންސިލާއި ފުލުހުން ވަނީ އެސަރަޙައްދުގައި ހުރި މީހުންގެ ވެހިކަލްތައް އެތަނުން ނެގުމަށްވެސް އެދިފައެވެ.

މާލެއަށާއި ބައެއް ރަށްރަށަށް އުދައަރާފައިވާއިރު ފާއިތުވި 3 ދުވަހު އުދައެރި ނިސްބަތަށްވުރެ މިރޭ އުދަ އަރާ ނިސްބަތް ބޮޑުވާނެކަމަށް ލަފާކުރެވޭކަމަށް އެއިދާރާއިން ބުނެއެވެ. މެޓު އޮފީހުން ބުނީ އުދައިގެ އަސަރު ބޮޑަށް ކުރާނީ މެދުރާއްޖޭގެ އަތޮޅުތަކަށާއި ދެކުނުގެ އަތޮޅުތަކަށްކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރުވެސް އުދަ އަރާނެކަމަށް އެއިދާރާއިން ލަފާކުރެއެވެ.
މިއަދުވެސް އުދައިގެ އަސަރުކޮށްގެން ބައެއް ރަށްރަށުން ރިޕޯޓް ކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެއެވެ. އެ އޮތޯރިޓީން ބުނީ އެކި ރަށްރަށަށް އުދަ އަރަމުންދާކަމުގެ މަޢުލޫމާތު ލިބެމުންދާކަމަށާ ރަށްރަށުގެ ޙާލަތު ކައުންސިލްތަކާ ގުޅިގެން ބަލަމުންދާކަމަށެވެ.

ކަނޑުތަކުގެ ބާނި ބޮޑުވެ އެކި ހިސާބުތަކަށް އުދަ އަރަމުންދާއިރު ކުރިއަށް އޮތް 24 ގަޑިއިރު އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މެޓު އޮފީހުން ލަފާކުރެއެެވެ. އެހެންނަމަވެސް މެދު ރާއްޖޭގެ ތެރެއާއި ދެކުނަށް ކެރީގެ އަސަރުފޯރިނަމަވެސް މޫސުން ޢާއްމުގޮތެއްގައި ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓު އޮފީހުން ބުނެއެވެ.

މެޓު އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ތިން މޭލާއި ދިހަ މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށެވެ. އެހެން ހިސާބުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ހަ މޭލާއި ސޯޅަ މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭއިރު ވިލާގަނޑުގައި ގަދަވާއިރު ގަޑިއަކު ގާތްގަނޑަކަށް ތިރީސް މޭލު ބާރުމިނަށް އުތުރު އަތޮޅުތަކަށް ވައި ގަދަ ވާނެ ކަމަށްވެސް މެޓު އޮފީހުން ލަފާކުރެއެވެ.