ކުޅިވަރު

މަލްޑިނީ އާއި ބޮބާން އޭސީ މިލާންގެ އިސްމަގާމްތަކަށް ހަމަޖައްސައިފި


އޭސީ މިލާން އަލުން ވަރުގަދަ ކުލަބަކަށް ހެދުމަށް އެ ކުލަބުގެ ހިންގުމަށް ކުލަބުގެ ކުރީގެ ދެ ކުޅުންތެރިން އިސް މަގާމުތަކަށް ހަމަޖައްސައިފި އެވެ.

މި ގޮތުން ކުރީގެ ކެޕްޓަން ޕައުލޯ މަލްޑިނީ ހަމަޖައްސާފައިވަނީ ކުލަބުގެ ޓެކްނިކަލް ޑައިރެކްޓަރަކަށެވެ. އަދި ޒޮންމީރު ބޮބާން ހަމަޖައްސާފައިވަނީ ޗީފް ފުޓްބޯޅަ އޮފިސަރ އަކަށެވެ. މި ދެ މީހުންގެ ތެރެއިން 11 އަހަރު ވަންދެން މިލާނަށް ކުޅުނު ބޮބާން މި މަގާމަށް މިއައީ ފީފާގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމު ދޫކޮށްލާފަ އެވެ. ކްރޮއޭޝިޔާ އަށް އުފަން ބޮބާން މިލާނަށް ކުޅުނީ 1991 އިން 2001 އަށެވެ.

މިލާނުން ވަނީ ކޯޗުކަމުން ގެނާރޯ ގަޓޫސޯ ވަކިކޮށްފަ އެވެ. އެއީ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ނުލިބުމުންނެވެ. މިލާން ދިޔައީ އިޓާލިއަން ލީގުގެ ފަސް ވަނަ އަށެވެ.