ތިމާވެށި

ތަރައްޤީކުރުމަށްކަމަށްބުނެ ރަށްރަށުގެ ފެހިކަން ނަގާލުމަކީ ބަލައިގަނެވޭނެކަމެއް ނޫން - އެންވަޔަރަމަންޓް މިނިސްޓަރ


ތަރައްޤީކުރުމަށްކަމަށްބުނެ ރަށްރަށުގެ ފެހިކަން ނަގާލުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި، ކޮންމެ ދުވަހަކީވެސް ރަށްރަށުގެ ފެހިކަން ދިރުވުމަށް މަސައްކަތް ކުރާ ދުވަހަކަށް ހެދުމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ މިހެން ވިދާޅުވީ، ޔޫތް މިނިސްޓްރީއާއި، އެގްރިކަލްޗަރ މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން ބާއްވާ "ތިމާވެށީގެ ކާނިވާ" ފަށްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

"ތިމާވެށީގެ ކާނިވާ" އަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ބާއްވާ ހަރަކާތެކެވެ. މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިސްނަގައިގެން ކުރިގެންދާ މި ކާނިވަލަކީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ބައިވެރިވުމާއެކު ބާއްވާ ހަރަކާތެކެވެ.

ތިމާވެށީގެ ކާނިވާ ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވީ، ރަށްރަށުގެ ފެހިކަން ގެއްލި، ޖަޒީރާ ވަންތައް ސިފަތައް ނެތެމުންދިއުމަކީ މިއަދު ރާއްޖެއަށް ތިމާވެށީގެ ރޮނގުން ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަމަށެވެ. އަދި މިއީ ކޮންމެ މީހަކުވެސް ވިސްނާލުން މުހިއްމު މައްސަލައެއްކަމަށާއި، ތަރައްޤީކުރުމަށް ކަމަށްބުނެ ރަށްރަށުގެ ފެހިކަން ނަގާލުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.

ތިމާވެށީގެ ކާނިވާ ފެށުމުގެގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވީ، ވިޔަފާރީގެ ބޭނުމަށް ރާއްޖޭން ބޭރުން ގަސް ގެނެސްގެން ވިއްކުމަކީ މިހާރު ވަރަށް އާއްމުކަމެއްކަށެވެ. އަދި މިގޮތަށް ރާއްޖޭން ބޭރުން ގަސްގެނެސްގެން ހެއްދުމުގެ ސަބަބުން، ބައެއްކަހަލަ ބަލިތައް ގަސްގަހަށްޖެހުމަށް މަގުފަހިވެގެންދާކަން މިނިސްރޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ އެކިކަހަލަ ކެމިކަލްތައް ބޭނުންކޮށްގެން ގަސް ހެއްދުމުން، އެކަމުގެ ނޭދެވޭ އަސަރު އިންސާނުންގެ ޞިއްޙަތަށް ކުރާނެކަން ދަނެ، އެކަމަށް ސަމާލުވުން މުހިންމު ކަމަށެވެ.

ސޯޝަލް ސެންޓަރު ސަރަހައްދުގައި އެއްދުވަހުގެ މުއްދަކަށް ކުރިއަށްގެންދާ މި ކާނިވާގެ ތެރެއިން، ތަފާތު އެކި ވައްތަރުގެ ގަސް ވިއްކުމުގެ އިތުރުން، ހޭލުންތެރިކުރުވުމުގެ ޙާއްސަ ސެޝަންތަކެއްވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ސެޝަންތަކުގައި ގަސްގަހަށް ޖެހޭ އާއްމު ބަލިތަކުގެ މަޢުލޫމާތާއި، ގަސްހެއްދުމުގައި ބޭނުންކުރެވިދާނެ ބައެއް ކެމިކަލާއި، ޕެސްޓިސައިޑްސްގެ ސަބަބުން ލިބޭ ގެއްލުމާއި ފައިދާގެ އިތުރުން ކުދި ހުސްތަންތަނުގައި ގަސް ހައްދާ ބަލަހައްޓާނެގޮތާއި، ކުދި ޕޮޓުގައި ގަސްހައްދާނެގޮތް ކިޔައިދިނުމަށް ހަމަޖެހިފައިވެއެވެ.