ތިމާވެށި

ގަސްވިއްކާ ނާސަރީތައް ރަޖިސްޓްރީކުރަންޖެހޭ ގޮތަށް ހަދަނީ

ވިޔަފާރީގެ ބޭނުމަށް ގަސްވިއްކުމުގެ މަސައްކަތް ކުރާ ނާސަރީތައް ރަޖިސްޓްރީގެ ކުރުމުގެ އުޞޫލެއް އެކުލަވާލުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ "ތިމާވެށި ކާނިވާ" ފަށްޓަވައި ދެއްވާ ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝިދު ޙަސަން ވިދާޅުވީ، ތިމާވެއްޓަކީ އޭގެން މާބޮޑު މާލީ ނަފާއެއް ލިބޭ އެއްޗެއް ނޫންކަމަށް ބައެއް ފަރާތްތަކަށް ހީވެފައި އޮންނަކަމަށެވެ. ނަމަވެސް ދަނޑުވެރިކަމުގެ ބޭނުމަށާއި، ވިޔަފާރީގެ ބޭނުމަށް ގަސް ހައްދައިގެން ވިއްކުމަކީ އެކަމުން މަލީ ނަފާ ލިބޭކަމެއްކަން ރާއްޖޭގެ އެކި ރަށްރަށުގައި މި މަސައްކަތް ކުރާ ފަރާތްތަކުން ސާބިތުކޮށްދެމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވީ، އެ މިނިސްޓްރީން އަލަށް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ގަސްގަހާ ބެހޭ ޤަވާއިދުގެ ދަށުން، އެއްތަނުން އަނެއްތަނަށް ގަސް އުފުރައިގެން ގެންދިޔުމާއި، ވިޔަފާރީގެ ބޭނުމަށް ގަސް ވިއްކުމުގައި ޢަމަލުކުރާނެ އުޞޫލުތައް އެކުލަވާނެކަމަށެވެ. އަދި ނާސަރީތައް ހަދައިގެން ގަސްވިއްކާ ފަރާތްތަކުންވެސް މި އުސޫލުގެ ދަށުން ރަޖިސްޓްރީ ކުރަންޖެހޭނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ނާސަރީތައް ރަޖިސްޓްރީކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ، އެތަންތަނުން ހައްދާ ގަސްތަކަކީ ހުއްދަ ލިބިގެން ހައްދާފައިވާ ގަސްތަކެއްކަން އާއްމުންނަށް ކަށަވަރުކޮށްދިނުންކަމަށެވެ.

"ގަހާބެހޭ ޤަވާއިދެއް އަޅުގަނޑުމެންގެ މިނިސްޓްރީން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ތަފާތު ބޭނުންތަކަށް ގަސް ހައްދާ ނާސަރީތައް ރަޖިސްޓްރީ ކުރެވޭނެ އުޞޫލެއް އެޤަވާއިދުގެ ދަށުން އެކުލަވާލަން.. އެކަމުގެ ބޭނުމަކީ އެފަދަ ނާސަރީތަކުން ހައްދާ ގަސްތަކަކީ ހުއްދަދެވިގެން ކުރެވޭ މަސައްކަތެއްކަން ކަށަވަރުކޮށްދީ، ތިމާވެއްޓާއި ރަށްޓެހި މާއްދާތައް ބޭނުންކޮށް ހައްދާ ގަސްތަކެއްކަން ޔަޤީންކުރުން.." އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވީ، ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތުގައި ފަރުދީ ޒިންމާ ވަރަސް މުހިއްމުކަމަށެވެ. ތިމާ ދިރިއުޅޭ މާޙައުލުގައާއި އޮފީސްތެރޭގައި ފެހިކަންގަދަ ގަސް އިންދުމަކީ، މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ހެޔޮބަދަލުތަކެއް ގެނުވާކަމެއްކަން ސައިންސްގެ ހޯދުންތަކުން އެނގޭކަން ފާހަގަކުރައްވާ، ކޮންމެ މީހަކީވެސް ގަސް އިންދުމަށް ލޯބި ކުރާ ފަރާތަކަށްވުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.