ޚަބަރު

މިއަހަރުގެ ތެރޭގައި ލޭހަދިޔާކުރާ ފަރާތްތަކުގެ ޑޭޓާބޭސް ތަރައްޤީކޮށް ބޭނުންކުރަން ފަށާނެ - ހެލްތް މިނިސްޓަރ


މިއަހަރުގެ ތެރޭގައި ލޭހަދިޔާކުރާ ފަރާތްތަކުގެ ޑޭޓާބޭސް ތަރައްޤީކޮށް ބޭނުންކުރެވޭވަރުވާނެކަމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ބްލަޑް ކޭމްޕް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން، ހެލްތް މިނިސްޓަރ ވަނީ ރާއްޖޭގައި ލޭހަދިޔާކުރާ ޒުވާނުން އިތުރުކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމަށް، އެލިއާ އިންވެސްޓްމެންޓާއި މޯލްޑިވިއަން ބްލަޑް ސަރވިސަސް ގުޅިގެން ކުރިއަށްގެންދިޔަ 5 ވަނަ ބްލަޑް ކޭމްޕް ޝަރަފުވެރިކޮށްދެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީނެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވަނީ ލޭ ހަދިޔާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޒުވާނުންގެ މެދުގައި މިއާދަ އަށަގަންނުވާ ޒުވާން އުމުރުގައި ލޭހަދިޔާކުރަން ފެށުމަށް މިނިސްޓަރ އަމީން ގޮވާލެއްވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަމީން ވަނީ ލޭ ހަދިޔާކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މިނިސްޓްރީއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ލޭހަދިޔާކުރާ ފަރާތްތަކުގެ ޑޭޓާބޭސް ތަރައްޤީކޮށް ބޭނުންކުރެވޭވަރުވާނެކަން މިނިސްޓަރ ވިދާޅުވިއެވެ.

"ޅަ އުމުރުގައި ލޭ ހަދިޔާކުރުމުގެ އާދަ އަށަގަންނަން ޖެހޭ. ލޭ ހަދިޔާކުރުމަކީ މިދާއިރާގެ އުމްރާނީ ތަރައްޤީއަށްވުރެ ބޮޑަށް ފުރާނަ ސަލާމަތްކުރުކުރުމުގައި މުހިންމުކަމެއް. އެގޮތުން މި ފަދަ މުހިންމު ކަމެއްގައި ޒުވާނުންގެ ދައުރު އިތުރުކުރުން މުހިންމު. މިކަމުގެ ދަތިތަކެއް ހުރުމުން މިކަން ހައްލުކުރަންވެސް އެބަޖެހޭ. އެކަން މިނިސްޓްރީއިން ކުރަމުންމިދަނީ. އެގޮތުން މިއަހަރުގެ ތެރޭގައި ލޭހަދިޔާކުރާ ފަރާތްތަކުގެ ޑޭޓާބޭސް ތަރައްޤީކޮށް ބޭނުންކުރެވޭވަރުވާނެ" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ނެޝަނަލް އަރޓް ގެލަރީގައި ބޭއްވި މި ރަސްމިއްޔާތުގައި ވަނީ ނިމިދިޔަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވި 37 ބްލަޑް ކޭމްޕްތަކުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. މީގެ އިތުރުން މިދިޔަ އަހަރު މޯލްޑިވިއަން ބްލްޑް ސާރވިސަސްއަށް ވޮލަންޓްރީކޮށް އެންމެގިނައިން ލޭ ހަދިޔާކުރި ފަރާތްތަކުގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް ވަނީ ހަނދާނީ ލިއުންވެސް ދީފައެވެ. މި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، ހެލްތް މިނިސްޓަރ އަބްދުﷲ އަމީނެވެ.

އެލިއާ އިންވެސްޓްމެންޓާއި މޯލްޑިވިއަން ބްލަޑް ސާރވިސަސް ގުޅިގެން ކުރިއަށްގެންދިޔަ 5 ވަނަ ބްލަޑް ކޭމްޕްގައި އެންމެ ފުރަތަމަ ލޭ ހަދިޔާކުރައްވާ ކޭމްޕް ފައްޓަވައިދެއްވާފައިވަނީވެސް ހެލްތް މިނިސްޓަރ އަބްދުﷲ އަމީނެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ވިދާޅުވީ، މި ކޭމްޕްގެ ތެރެއިން ހިލޭ ތެލެސީމިއާ ޓެސްޓުކުރުމުގެ ޚިދުމަތްވެސް ލިބިގެންދާނެކަމަށެވެ. ލައިވް މިއުޒިކާއިއެކު ކުރިއަށްގެންދާ މި ހަރަކާތުގައި ވީހާވެސް ގިނަ ފަރާތްތައް ބައިވެރިވުމަށް އެ ފަރާތުންވަނީ އެދިފައެވެ.