ތަރައްްޤީ

މަގުތައް ރަނގަޅުކުރާއިރު ފުރަތަމަ ހައްލުކުރާނީ ހޮޅީގެ މައްސަލަ - މޭޔަރ ސިފާ


މާލޭގެ މަގުތައް ހެދުމަށް ލިބޭ ފުރަތަމަ ފުރުޞަތުގައި އެންމެ ފުރަތަމަވެސް ހައްލުކުރުމަށް މަސައްކަތްކުރާނީ މަގުތަކުގައި އަޅާފައިވާ ޑީ-ވޯޓަރިން ހޮޅިތަކުގެ މައްސަލަކަމަށް މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކޮންސްޓްރަކްޝަން ސައިޓުތަކުން ފެން ބޭރުކުރުމަށްޓަކައި މާލޭގެ އެކި ސަރަހައްދުތަކުގެ މަގުތަކުގައި ގިނަ އަދަދެއްގެ ޑީވޯޓަރިންގ ހޮޅި އަޅާފައިވާއިރު، ބައެއް މަގުތަކުގައި ޖެހިޖެހިގެން 4-5 ހޮޅިވެސް އަޅާފައި ހުރެއެވެ. މަގުތަކުގައި އެގޮތް މިގޮތަށް އަޅާފައި ހުންނަ ހޮޅިތަކުގެ ސަބަބުން ޕާރކް ކުރުމަށާއި، ހިނގާ ބިނގާވެއުޅޭ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެ، އެކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް މި ހޮޅިތަކުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިވެއެވެ.

މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، މާލޭގެ މަގުތައް ހަދަންލިބޭ އެންމެ ފުރަތަމަ ފުރުޞަތުގައިވެސް މި ހޮޅިތަކުގެ މައްސަލައަށް ހައްލެއް ގެނެއުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި މަސައްކަތް ނިންމުމަށްފަހު ނުނަގާ ހުރި ޑީ-ވޯޓަރިން ހޮޅިތަކާއި، ކޮންސްޓްރަކްޝަން ކުންފުނީގެ ނަމާއި މަޢުލޫމާތު ނުޖަހާހުރި ހޮޅިތައް ނެގުމަށް މާލޭ ސިޓީ ކައުންސިލުން ނިންމާފައިވާކަމަށްވެސް ސިފާ ވިދާޅުވިއެވެ.

ޑީވޯޓަރިންގ ހޮޅިތަކުގެ ސަބަބުން ޕޭވްމަންޓުގައި ހިނގަން އޮންނަ ޖާގަ ކުޑަވެ، ވެހިކަލްތައް ޕާކުކުރުމަށް އޮންނަ ޖާގަވެސް ކުޑަވެގެންދެއެވެ. އަދި މިފަދަ ހޮޅިތަކުން ފެން ލީކުވެ، މަގުމަތީގައި ފެންބޮޑުވާ މައްސަލަވެސް ދޭތެރެ ދޭތެރެއިން ދިމާވެއެވެ. އަދި އެކަމުގެ ޝަކުވާ އާއްމުން އަންނަނީ ސޯޝަލް މީޑިއާގައިވެސް ކުރަމުންނެވެ.

ކުރީގެ ސަރުކާރުން ހިފަހައްޓާފައިވާ ސިޓީ ކައުންސިލްތަކުގެ ބާރުތައް އަލުން ދިނުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވާފައިވާއިރު، އޭގެ ތެރޭގައި މަގުތައް ބެލެހެއްޓުމުގެ މަސައްކަތްތައް ކައުންސިލްތަކުގެ ބެލުމުގެ ދަށަން ގެނެއުން ހިމެނެއެވެ. އެގޮތުން މާލޭގެ މަގުތައް ހެދުމަށާއި މަރާމާތުކުރުމުގެ ކަންކަން ކުރިއަށްގެންދިއުމުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކަމާގުޅުންހުރި ފަރާތްތަކާއެކު ކުރަމުންދާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.