ތިމާވެށި

އަމިއްލައަށް އިސްނަގައިގެން ރާއްޖެ ސާފުތަނަކަށް ހެދުމަށް އެންވަޔަރަމަންޓް މިނިސްޓަރ ގޮވާލައިފި


ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް އަމިއްލައަށް އިސްނަގައިގެން ރާއްޖެ ސާފު ތަނަކަށް ހެދުމަށް މަސައްކަތް ކުރާ ބަޔަކަށްވުމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ހަސަން ގޮވާލައްވައިފިއެވެ.

އަމިއްލަ ފަރާތެއް ކަމުގައިވާ ޝިޔާނާ މުހަންމަދު ސާލިހުގެ އިސްނެގުމުގެ މަތިން ކުރިއަށްގެންދިޔަ ޓްވިޓްސާފު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން މީޑީއާއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މާލެ އާއި ރާއްޖޭގެ ރަށްތައް ސާފުކުރުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ކަމަށް ދެކުން އެއީ ނާތަހުޒީބު ވިސްނުމެއް ކަމަށެވެ. މިނިސްޓަރ ވަނީ މިފަދަ ކަންކަމަށް އަމިއްލަ ފަރުދުން އިސްނެގުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

މިއަދު ކުރިއަށްދިޔަ ސާފުކުރުމުގެ ޕްރޮގްރާމަކީ ޓްވިޓާގައި ހަރަކާތްތެރިވާ ޝިޔާނާ މުހަންމަދު ސާލިހު (ނާ ސާލިހު)ގެ ޓްވީޓަކަށް އާންމުން ދިން ތަރުހީބާއި ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ޖޫންމަހުގެ 9ވަނަ ދުވަހު ކުރި ޓްވީޓުގައި އޭނާ ބުނެފައިވަނީ "އެއްވެސް މީހަކު ތިމަންނައާއި އެކު ހުޅުމާލެ ގޮނޑުދޮށް ސާފުކުރަން ބޭނުން ހެއްޔެވެ؟" މިހެންނެވެ. މި ޓްވީޓް ގިނަ ބަޔަކު ރީޓްވީޓުކޮށް މިކަމަށް ހިއްވަރުދީފައިވެއެވެ.

ޓްވިޓްސާފު ޓީމުން ބުނީ ގިނަ ބަޔަކު މިކަމުގައި ބައިވެރިވެފައިވާ ކަމަށާއި އެފަދަކަމެއް ކުރިއަށްގެންދަން ނިންމީ ރާއްޖޭގެ ގޮނޑުދޮށްތަކާއި މަގުމައްޗަކީ ސާފުކޮށް ބާއްވަންޖެހޭ ތަނެއްކަން ވިސްނައިދިނުމުގެ ގޮތުން ކަމަށެވެ. ޓްވިޓްސާފު ޓީމުގެ މީޑީއާ ކޯޑިނޭޓަރ ފާތިމަތު ލުޖައިން ޝުޖާއު ބުނީ އެ ޓީމުގެ މައިގަނޑު މަގުސަދަކީ ފަރުދީ ޒިންމާ ނެގުމަކީ ކިހާ މުހިންމު ކަމެއްކަން އާންމުންނަށް އަންގައިދިނުން ކަމަށެވެ. ހުޅުމާލެއިން އެކަން ފެށިގެން ދިޔައިރު މިކަމަށް ބޮޑު ސަޕޯޓެއް ލިބިފައިވާކަން ފާހަގަ ކުރަމުން ލުޖައިން ބުނީ ކުރިއަށް އޮތްތަނުގައި މާލެއާއި ރަށްރަށުގައިވެސް އާންމުންގެ އެއްބާރުލުން މިގޮތައް ލިބޭނަމަ ކުރިއަށްގެންދާނެކަމަށެވެ.



ހުޅުމާލޭގެ ހިންގާ މިފަދަ ހުރިހާ ކަމެއްގައި އެޗްޑީސީން އަންނަނީ ބައިވެރިވަމުންނެވެ. އެގޮތުން މިފަހަރުވެސް އެޗްޑީސީގެ ސީއެޗްޑީސީން ވަނީ މި ޙަރަކާތުގައި ބައިވެރިވެފައެވެ. ކްލަބް އެޗްޑީސީއަކީ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް އެޗްޑީސީން ނަގާފައިވާ އެ ކުންފުނީގެ މުވައްޒަފުން ހިމެނޭ ޓީމެކެވެ. ސީއެޗްޑީސީގެ ރައީސް އަލީ އިބްރާހިމް ވިދާޅުވީ މިކަމުގައި ހަރަކާތްތެރިވާން ނިންމީ ޓްވިޓާގައި ޓްވިޓްސާފުގެ ވާހަކަ ދެކެވުމުންކަމަށެވެ. އަދި މިއީ އަމިއްލަ ފަރުދެއް އިސްނަގައިގެން ކުރިއަށްގެންދިޔަ ވަރަށް މުހިންމުކަމެއް ކަމުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ. އަލީ އިބްރާހިމް ވިދާޅުވީ ހުޅުމާލެ ކޮމިއުނިޓީން ހިންގާ މިފަދަ ކޮންމެ ކަމެއްގައިވެސް އެ ކްލަބުން ވެވެންހުރި ހުރިހާ އެހީއެއް ވެދޭނެކަމަށެވެ.

ޓްވީޓަކުން ފެށުނު މި ޕްރޮގްރާމުގެ ދަށުން ހުޅުމާލޭގެ އަތިރިމަތި އެއްކޮން ވަނީ ސާފުކޮށްފައެވެ. މިކަމުން ދޭހަވަނީ ޒުވާނުން އިސްނަގައިގެން ކުރާކޮންމެ ކަމެއްވެސް ކާމިޔާބުކަމާއިއެކު ނިންމާލެވޭނެ ކަމެވެ. އަދި ކޮންމެ މީހަކީވެސް ފަރުދީ ޒިންމާ ނަގާ މީހަކަށް ވުން މުހިންމުކަން މިއަދުގެ ހަރަކާތުން އެނގިގެން ދެއެވެ. މީގެ ކުރިންވެސް އަމިއްލަ ޖަމިއްޔާތަކާ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ އެކި އިދާރާތައް އިސްނަގައިގެން ރާއްޖޭގެ އެކި ހިސާބުތަކާއި މާލޭގައިވެސް ސާފުކުރުމުގެ ހަރަކާތްތައް ވަނީ ހިންގާފައެވެ. އަދި ފަހަކަށް އައިސް މިހެން ހިންގާ ކަންކަމުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވާކަން އެއީ ފާހަގަކޮށްލަން ޖެހޭކަމެކެވެ.