ޚަބަރު

ކުނި މެނޭޖްކުރުމަށް ޓަޓުވާއާއިއެކު ވެފައިވާ އެއްބަސްވުން އުވާލަނީ


މާލޭ ސީޓީ ހިމެނޭ ސަރަޙައްދުގެ ކުނި މެނޭޖްކުރުމަށް އިންޑިއާގެ ޓަޓުވާ ކުންފުންޏާއެކު ދިވެހި ސަރުކާރުންވެފައިވާ އެއްބަސްވުން އުވާލާ، އެ މަސައްކަތް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ތާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.މާލޭ ސިޓީ ހިމެނޭ ސަރަހައްދުގެ ކުނި މެނޭޖްކުރުމަށް އިންޑިއާގެ ޓަޓުވާ ކުންފުންނާއިއެކު ވެފައިވާ އެއްބަސްވުން އުވާލަން ސަރުކާރުން ނިންމީ، އެއްބަސްވުމާއި އެއްގޮތަށް އެކުންފުނިން މަސައްކަތް ކުރަމުން ނުދިއުމުގެ ސަބަބުން މާލޭ ސިޓީގެ ކުނި ނައްތާލުމުގެ މައްސަލައަށް އެދެވޭ ހައްލެ ނުލިބި ގިނަދުވަސްތަކެއް ވަމުންދާތީކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤު އިބްރާހިމް ވިދާޅުވީ، ޓަޓުވާ ކުންފުނި އަތުން އެ މަސައްކަތް ނަގައި، ސަރުކާރު ހިއްސާވާ ކުންފުންޏަކާއި އެ މަސައްކަތް ހަވާލުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާކަމަށެވެ. އެގޮތުން އެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި، ވަރަށް ކައިރި މުސްތަޤުބަލެއްގައި މާލޭ ސިޓީގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ކުންފުންޏަކާއި ހަވާލުކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ކުނީގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤު ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ނުވަ ރަށެއްގައި ވޭސްޓް މެނޭޖްމަންޓްގެ މަސައްކަތް ފެއްޓިފައިވާކަމަށެވެ. އަދި މިއަހަރުތެރޭ ޕީ.އައި.އެސް.ސީ ބަޖެޓުގެ ދަށުން ފަންސަވީސް ރަށެއްގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް އެކި ދާއިރާތަކުން ކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ތިމާވެއްޓާއި ރައްޓެހިގޮތެއްގައި ކުނި ނައްތާލުމަށްޓަކައި ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭހެން ސާޅިސް ހަ ރަށެއްގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީން މިހާރުވެސް ގެންދަނީ ކުރަމުންނެވެ. އެގޮތުން އެ މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނުތައް އެ ރަށްރަށަށް ފޮނުވާފައިވާ ކަމަށާއި، އުތުރުގެ އަތޮޅުތަކަށްވެސް އަމާޒުކޮށްގެން ވޭސްޓް މެނޭޖްމަންޓް މަސައްކަތްތަކެއް ކުރަމުންދާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.