ޚަބަރު

ހުޅުމާލޭގެ ފްލެޓްތަކަށް ގެއްލުން ލިބިފައިހުރިތޯ ބަލަން ފަށައިފި


ހުޅުމާލޭގައި ހަދާފައިވާ ބައެއް ފްލެޓް އިމާރާތްތަކުގައި ހުރި މައްސަލަތައް ދެނެގަތުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރަމުންދަނީ މިނިސްޓްރީ އޮފް ހައުންސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި، އެޗްޑީސީއާއި، އިމާރާތްތަކުގެ މަސައްކަތްކުރި ޗައިނާގެ ޗައިނާ މެޝިނަރީ އިންޖިނިއަރިންގް ކޯޕަރޭޝަނުންނެވެ. މި މަސައްކަތް ކުރުމަށް ނިންމާފައިވަނީ އިމާރާތްތަކުގައި މައްސަލަ ހުރިކަމަށްބުނެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުރަމުންދާ ޝަކުވާތަކާއި ގުޅިގެން، ހައުސިންގ މިނިސްޓަރ އާމިނަތު އާތިފާ، ޗައިނާ އެމްބަސީގައި މިކަން ބައްލަވާދެއްވުމަށް އެދުމާއި ގުޅިގެންނެވެ.

ހައުސިން މިނިސްޓްރީއިން ވިދާޅުވެފައިވަނީ މިހާތަނަށް ބެލި ބެލުމުން އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ނުލިބުނު ނަމަވެސް، ފާރުގައި ރެނދުލުމާއި، އަދި ގޭގެ ފިނިހޫނުމިނަށް އަންނަ ބަދަލުގެ ސަބަބުން ސީލިންގައަށް ފެނުގެ އަސަރުކުރުމުގެ ބައެއް މައްސަލަތައް ފާހަގަވެފައިވާކަމަށެވެ.

މިނިސްޓްރީއިން ވިދާޅުވީ ފްލެޓްތަކަށް ލިބިފައިވާ ގެއްލުންތައް އެނގޭނީ އިންސްޕެކްޝަން ނިމުމުންކަމަށެވެ. އަދި މި އިންސްޕެކްޝަނަށްފަހު ކުރަންޖެހޭ މަރާމާތުތައްވެސް ކުރުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓްރީއިން ވިދާޅުވެއެވެ.

މި އިންސްޕެކްޝަންގެ ދަށުން ޗައިނާގެ ސީ.އެމް.އީ،ސީ ކުންފުނިން 2008 ވަނަ އަހަރު އިމާރާތްކުރި 1000 ހައުސިނގ ޔުނިޓާއި، މިދިޔަ އަހަރު ހަވާލުކުރި 704 ހައުސިންގ ޔުނިޓް އިންސްޕެކްޓް ކުރާނެއެވެ.

ޗައިނާ މެޝިނަރީ އިންޖިނއަރިންގ ކޯޕަރޭޝަނަކީ ޗައިނާ ސަރުކާރުގެ ހިއްސާއޮންނަ ކުންފުންޏެކެވެ. ހައުސިންގ މިނިސްޓްރީގެ އެދުމުގެމަތިން އެ ކުންފުނީގެ ޓީމެއް ރާއްޖެ އައިސް މިހާރުދަނީ ގެތަކަށް ދިމާވި މައްސަލަ ބަލަމުންނެވެ.

ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައިވަނީ އިމާރާތް ރަނގަޅަށް ނުބެލެހެއްޓުމެވެ. އެގޮތުން އިމާރާތައް ދިމާވާ މައްސަލަތައް ކަމާއި ގުޅޭ ފަރާތްތަކަށް އެންގިނަމަވެސް، އެކަންކަން ޙައްލުކުރުމަށް އެތަށް ދުވަހެއް ނަގާކަން ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުން ފާހަގަކުރެއެވެ.