ކުޅިވަރު

ދިއްދޫ ފުޓްސަލް ދަނޑު ހަލާކުކޮށްލި މައްސަލަ ފުލުހުން ބަލަން ފަށާފި


ހއ. ދިއްދޫ ކައުންސިލުން ބޭއްވި ފުޓްބޯޅަ މުބާރާތުގައި މެޗެއް ހޫނުވެ، ހިނގި ހަމަނުޖެހުމުގައި މެޗް ކުޅުނު ދަނޑު ހަލާކޮށްލި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

މިދިޔަ ހޯމަ ދުވަހު ކުޅުނު މެޗް ހޫނުވެ، ދެޓީމުގެ ކުޅުންތެރިންގެ ދެމެދު މާރާމާރީ ހިންގައި އަދި ސަޕޯޓަރުންނާއި ބައެއް ކުޅުންތެރިން ދަނޑުގައަޅާފައިވާ މެޓު ހަލާކުކޮށް ބެންޗުގައި ހުރި ގޮނޑިތަކަށްވެސް ވަނީ ގެއްލުންދީފަ އެވެ.

އެމައްސަލައާ ގުޅިގެން ފުލުހުން ބުނީ، އެއިދާރާއިން އެމައްސަލަ މިހާރު ބަލަންފަށާފައިވާ ކަމަށެވެ. އަދި އެމައްސަލަ ބަލަނީ މުދަލަށް ގެއްލުންދިން މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

އެ މެޗްގެ މައްސަލައާ ގުޅިގެން އެރަށު ކައުންސިލުން ކުޅުންތެރިންނާމެދު ފިޔަވަޅު އަޅަންނިންމުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ކައުންސިލް އިދާރާ ކައިރިއަށް ބައެއް ޓީމްތައް އެއްވެ އެމީހުންގެ އަޑު އުފުލާފައެވެ.

ހޯމަދުވަހުގެ ރޭ ހިގާދިޔަ މިމައްސަލައާއި ގުޅިގެން މި މުބާރާތުގެ ހިގާކޮމެޓީގެ މެމްބަރުންނާއި ރެފްރީން ވަނީ އިސްތިއުފާ ދީފައެވެ. ކައުންސިލުން ބުނި ގޮތުގައި ހިނގާދިޔަ މައްސަލަތައް ހައްލުކޮށް އަލުން ކޮމެޓީއެއް އުފައްދާ އަދި އެހެން ރެފްރީންތަކެއް ގެނެސްގެން މި މުބާރާތް ކުރިޔަށް ގެންދިޔުމުގެ މަސަކަތް ކުރަމުން އަންނަކަމަށެވެ.